ފަލަސްތީނުގެ ހުރިހާ ގަވަރުނަރޭޓްތަކެއްގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް ފަލަސްތީނުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އައްބާސް މި އިންތިޚާބު ސިފަކުރެއްވީ ގައުމީ އަދި ޑިމޮކްރެޓިކް ރޫހު ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއްގެ ގޮތުގައެވެ.

Ad
rt

އިސްރާއީލުގެ އިސްތިއުމާރާއި އުދުވާނުގެ ސަބަބުން ކުރިމަތިވެފައިވާ ދަތި އަދި އާދަޔާޚިލާފު ހާލަތްތަކުގެ މެދުގައިވެސް، މި އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުންގެ ހޭލުންތެރިކަމާއި އެމީހުންގެ ޑިމޮކްރެޓިކް ހައްގުތަކުގެ ބޭނުން ހިފުމަށް އޮތް ވަރުގަދަ އަޒުމް ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ފަލަސްތީނުގެ ގައުމީ އިރާދައަށް ލިބުނު އާ ކާމިޔާބީއެއް ކަމަށާއި، ގައުމީ މުއައްސަސާތައް ބިނާކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަން ހާމަވި ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅުކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް އެމީހުންގެ ސާބިތުކަން ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށް ރައީސް އައްބާސް ވިދާޅުވިއެވެ. ޚާއްސަކޮށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މި ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންތިޚާބަކީ ފަލަސްތީނުގައި ކުރިއަށްދާ ޑިމޮކްރެޓިކް ހަރަކާތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ފަތަހަ ޖަމާއަތުގެ ޒުވާނުންގެ ގޮފީގެ އިންތިޚާބުން ފެށިގެން ކުރިއަށްދާ ސިލްސިލާގެ ބައެއް ކަމަށެވެ. އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަތަހަ ހަރަކާތުގެ އަށްވަނަ ކޮންފަރެންސާއި، ލީޑަރޝިޕް އިންތިޚާބުގެ އިތުރުން ފަލަސްތީނުގެ ނޭޝަނަލް ކައުންސިލް އިންތިޚާބާއެކު މި މަސައްކަތްތައް ފުރިހަމަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަށް ރައީސް އައްބާސް ގޮވާލެއްވީ، އެމީހުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށާއި، އެންމެން ގުޅިގެން ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރުމަށެވެ. އަދި ފަލަސްތީނުގެ ބިމާއި ގައުމީ ހައްގުތަކުގައި ރައްޔިތުން ސާބިތުވެ ތިބުމަށް ބާރުއެޅުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.