ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ.
އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ ހަވާލުކުރީ އޭގެ ދަށުންނެވެ.
މިއަދު އެ ޕްރޮޖެކްޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ދާއިރާއިން އިސް ނަގަނީ ރައީސްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ނަމޫނާއަކަށް ވުމަށްޓަކައި ކަމަށެވެ. އެ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލުކުރީ އިއުލާނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށާއި ލަހެއް ނުވެ އެ މަޝްރޫއުތައް ގެންދާނެކަން ކަށަވަރުކުރާ ކަމަށް ވިދާޅުވި އެވެ.
މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި، ކައުންސިލްތަކަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބިގެންދާ ދުވަހެއްކަމަށާއި، ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްވެސް އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދު އަމީން ވިދާޅުވެފައިވެއެވެ.
މިއަދު ހެލްތު މިނިސްޓްރީން ކައުންސިލްތަކާއި ހަވާލު ކުރި 20 ޕްރޮޖެކްޓުގެ ތެރެއިން 18 ޕްރޮޖެކްޓަކީ މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށްވާއިރު މިއަދު ހަވާލުކުރި 20 ޕްރޮޖެކްޓަކީ 48 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްކަމަށް ހެލްތު މިނިސްޓްރީންވަނީ ހާމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!