ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރައްވައިފިއެވެ. ޖާބިރު

ޕީއެންސީއާ ގުޅިވަޑައިގެންނެވިކަން އޭނާ ވަނީ ބައެއް މީޑިއާތަކަށް މިހާރު ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރާއި، ނިމިދިޔަ 19 ވަނަ ދައުރުގައި މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.

ސިޔާސީ ގޮތުން ބަލާއިރު، ޖާބިރު ވަނީ މީގެ ކުރިން ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރުކަން އޭނާ ކުރެއްވިއެވެ. މީގެ އިތުރުން އެކި ފަހަރުމަތިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޖާބިރު ތާއީދުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށެވެ.

ވިޔަފާރީގެ ދާއިރާގައި ޖާބިރަކީ "ޔޮޓް ޓުއާސް" ކުންފުނީގެ ޗެއާމަންގެ ހައިސިއްޔަތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.