ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތެޔޮ ޝެޑުތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމި ނިންމުމެކެވެ.
މި މަޝްރޫއުގެ ދަށުން މިހާރުވެސް ހއ. އިހަވަންދޫ އާއި ހދ. ހަނިމާދޫގައި އެފްއެސްއެމްގެ ފިއުލް ޝެޑުތަކުން ދަނީ ޚިދުމަތް ދެމުންނެވެ.
ދިއްދޫ އާއި ކުޅުދުއްފުށީގައި މި ޚިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން އެފްއެސްއެމް އިން މިހާރު ވަނީ ދިއްދޫ ކައުންސިލަށާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.
އެފްއެސްއެމް އިން ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތެޔޮ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެގޮތުން އާބާދީ ބޮޑު އަދި ސިނާއީ މަސައްކަތްތައް ގިނަ ރަށްތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ މަޝްވަރާތަކާއި ހިސާބުތައް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަލަށް ތަރައްޤީކުރާ މި މަރުކަޒުތަކުން އެއްގަމު އުޅަނދުފަހަރަށާއި ޖެޓީ މަތިން ކަނޑު އުޅަނދުފަހަރަށް ފަސޭހަކަމާއެކު ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ އުޅަނދުފަހަރަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފަވެއެވެ.
އެހެންވެ، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ރަށްރަށުގެ ބަނދަރުމަތިން އެކަށީގެންވާ ބިމެއް ހަމަޖައްސައިދިނުމަށް އެފްއެސްއެމް އިން ވަނީ ކައުންސިލްތަކުގައި އެދިފައެވެ. އެގޮތުން ކަނޑައެޅެން އޮތް ބިމުގެ ބޮޑުމިނާއި، ބަނދަރުގެ ތެރެއިން ތެލުގެ ވިޔަފާރިއަށް ޚާއްސަ ކުރެވިދާނެ ސަރަހައްދަކާ ގުޅޭގޮތުން ކައުންސިލްގެ ލަފަޔަކަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) މީސް މީޑިއާގައި ހިއްސާކުރެއްވި އެފްއެސްއެމްގެ ސިޓީ އާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެސް.ޓީ.އޯ ގެ އެދުމުގެ މަތިން، ތެލުގެ ޚިދުމަތް ދިނުމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސައި ދެވިދާނެކަމަށް ދަންނަވައި، ބިމުގެ ޗާޓާއެކު 16 އޭޕްރީލް 2026 ގައި އެ ކުންފުންޏަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސިޓީ ފޮނުވާފައިވާނެކަމަށެވެ.
''ކަނޑައަޅާފައިވާ ބިމާއިމެދު އެ ކުންފުނިން ވަކި އެއްޗެއް އެންގުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ފެށޭނެ.'' އާތިފް ވިދާޅުވެފަވެއެވެ. އަދި ''އެފް.އެސް.އެމް އާއި އެސް.ޓީ.އޯ އާއި ދެމެދު މައުލޫމާތު ހިއްސާކުރުމުގައި މައްސަލައެއް އުޅެނީތޯ؟'' އޭނާ ވަނީ ސުވާލުކުރަށްވާފައެވެ.
ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ.
މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކޮށް، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ތެޔޮ ލިބޭނޭ ނިޒާމު ޤާއިމުކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!