ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)، މޮރިޝަސްގެ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވަހީގެ ކުރިމަގާއި އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ އަދި ހައްގު މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރާއްޖެއިން ދެކޭ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދިވެހި ސަރުކާރުން ވަނީ މި މައްސަލައިގައި ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން، ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ، އަދި އިންޑިއާ ކަނޑުގެ ދިގު މުއްދަތުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދޭ އިންސާފުވެރި ނަތީޖާއަކަށް ވާސިލުވުމަށް ކުރާ އިލްތިމާސް ރާއްޖެއިން ވަނީ އަލުން ތަކުރާރުކޮށްފައެވެ.
ޓްރަމްޕް ނުރުހޭތީ ޗާގޯސް އެއްބަސްވުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ފޯޅަވަހީގެ މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅިފައިވާ، ދިވެހި ރައްޔިތުންގެ މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުމާ ކުރިމަތިވުމާއި، އެމެރިކާގެ ރަސްމީ ހުއްދަ ލިބުން ލަސްވުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކާ ގުޅޭގޮތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!