އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހއ. މުރައިދޫގެ ކައުންސިލްގެ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ކަށަވަރުކޮށްފިއެވެ.
ކައުންސިލްތަކުގެ ހަޔާތުގައި މިއީ މުރައިދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީގެ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ.
ހޮނިހިރު ދުވަހުގެ ވޯޓުގައި މުރައިދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ އަމްޖަދު މުހައްމަދު ކާމިޔާބުކުރީ 312 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އެމްޑީޕީގެ ޢަބުދުﷲ މުސްތަފާ އަށް ލިބުނީ 254 ވޯޓެވެ.
މުރައިދޫ ކައުންސިލް މެމްބަރުގެ ގޮނޑި ޕީއެންސީގެ މުހައްމަދު ރާޒީ 293 ވޯޓުން ކަށަވަރުކުރިއިރު، އޭނާ އާއި ވާދަކުރި އެމްޑީޕީގެ އަސްރާރު ޢަބުދުﷲ އަށް 259 ވޯޓު ލިބުނެވެ. މި އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް އަސްރާރަކީ މީގެ ކުރިން ކައުންސިލްގެ ގޮނޑި ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.
މުރައިދޫ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ގޮނޑި ޕީއެންސީގެ ފަރުހަތު ސަމީރު 322 ވޯޓާއެކު ކާމިިޔާބުކުރި އިރު މިއީ އޭނާ މި ގޮނޑި ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އަދި ފަރުހަތަކީ މުރައިދޫ ކައުންސިލްގެ ރައީސް ކަމާއި، ނައިބު ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. މިފަހަރުގެ އިންތިޚާބުގައި ފަރުހަތާއި ވާދަކުރި އެމްޑީޕީގެ އައިޝަތު ރައުނާ އަށް ލިބުނީ 225 ވޯޓެވެ.
މުރައިދޫ ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކުރިއިރު، އެ ގޮނޑި ކާމިޔާބުކުރި ޕީއެންސީގެ އައިމިނަތު ފަޒީރާ އަށް 298 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ރައޫފާ އުމަރަށް ލިބުނީ 249 ވޯޓެވެ. އަދި ޑަބްލިޔުޑީސީގެ އަނެއް ދެ ގޮނޑި ތެރެއިން ޕީއެންސީގެ ހަރިއްޔާ އިބްރާހިމް 272 ވޯޓުން އެއް ގޮނޑި ކާމިޔާބުކުރިއިރު، އަނެއް ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ޝިފާޒާ މުހައްމަދު ވަނީ 278 ވޯޓު ހޯދާފައެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހުގެ 17 ގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން މިއަދު ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!