އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި އީރާނާއެކު ބާއްވާ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިފުޅުގެ ފިރިމީހާ ޖެރެޑް ކުޝްނަރ، ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހަނގުރާމަވެރި ދެ ފަރާތުގެ މެދުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ.
ނަން ހާމަނުކުރުމަށް އެދި އޮފިޝަލު ވިދާޅުވި ގޮތުގައި، އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި މަޖިލީހުގެ ރައީސް ބާގިރު ގާލީބާފް އެވެ.
މީގެ އިތުރުން، 39 ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓުވުމަށް އިސް ދައުރެއް އަދާކުރެއްވި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރުވެސް މި ތާރީޚީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވާ މަންދޫބުންނާ ގުޅޭގޮތުން އެއްވެސް ގައުމަކުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ވިޓްކޮފް އާއި ކުޝްނަރ އީރާނާއެކު މަޝްވަރާ ކުރުމަށް އިސްލާމްއާބާދަށް ދާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ އިޝާރާތް ކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދޭތީ، އޭނާ މި ދަތުރުގައި ބައިވެރިނުވާނެ ކަމަށް ޓްރަމްޕް "ނިއުޔޯކް ޕޯސްޓް" އަށް ދިން ބަސްދީގަތުމެއްގައި ބުނެފަވެއެވެ. ޓްރަމްޕް ބުނި ގޮތުގައި މި މަޝްވަރާތައް "ވަރަށް އަވަހަށް" ފެށޭނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބުދަ ދުވަހުގެ ކުރީކޮޅު ވަނީ އެމެރިކާ އާއި އީރާނުގެ މެދުގައި، އަދި ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުގައި ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާކަން އިއުލާނު ކުރައްވާފައެވެ. އޭގެ ފަހުން، ދެ ގައުމުގެ ވަފުދުތައް އަންނަ ހުކުރު ދުވަހު އިސްލާމްއާބާދަށް ވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ނުސީދާކޮށް ކުރިއަށްދާ މަޝްވަރާތަކަށް ޕާކިސްތާނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އީރާނުން މި މަޝްވަރާތަކުގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މަޝްވަރާތައް ކުރިއަށްދާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.
ޓްރަމްޕް އަންގާރަ ދުވަހު އީރާނާއެކު ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމީ، މަޝްވަރާ ކުރުމަށް އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމަކީ "އަމަލީ ގޮތުން ކުރެވިދާނެ" ކަމެއް ކަމަށް ބަލައިގަތުމަށްފަހުގައެވެ. މި އިއުލާނު ކުރީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައި، އެއްބަސްވުމަކަށް އައުމަށް ޓްރަމްޕް ދިން ސުންގަޑި ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ.
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 1،400 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ހަމަލާދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!