މާލޭގެ މަގުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ.

Ad
rt

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ.

އެ މީހާ ފެނުމާއެކު، ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.