އެމެރިކާއިން އެއްގަމު މަގުން ހަނގުރާމައެއް ފަށައިފިނަމަ އެކަމަށް އީރާނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު ވިދާޅުވެއްޖެއެވެ.
އެއްގަމު މަގުން އަރައިގަތް ނަމަވެސް ދުޝްމަނުންނާއި ކުރިމަތިލުމަށް ތައްޔާރުވެފައިވާކަމަށް އީރާނުން ބުނެފައި މިވަނީ، ހަނގުރާމައަށް ދެވަނަ މަސް ފެށި، ސަރަޙައްދުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރުކުރަމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ.
"އަހަރެމެން މިތިބީ އެމީހުންގެ އިންތިޒާރުގައި"
ތެހެރާނާއި ވޮޝިންޓަނާ ދެމެދު އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް ވިދާޅުވެ، ޑިޕްލޮމެޓިކް ހައްލެއް ފެނުމުގެ ފުރުސަތު އޮތް ކަމަށް އަރާގްޗީ ވަނީ ދެކޮޅު ހައްދަވާފައެވެ.
އެއްގަމު މަގުން އަރައިގަތުމަށް ޕެންޓަގަނުން ތައްޔާރުވަމުންދާ ކަމަށް ބުނާ ރިޕޯޓުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އަރާގްޗީ ވިދާޅުވީ، ދުޝްމަނުންގެ އިންތިޒާރުގައި އީރާނުން ތިބިކަމަށެވެ.
"އަހަރެމެން މިތިބީ އެމީހުންގެ އިންތިޒާރުގައި، އެފަދަ ކަމެއް ކުރަން އެމީހުންނަށް ކެރޭނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން، އެމީހުންނާ ކުރިމަތިލާން ވަރުގަދަ ބާރެއް އޮންނާނެ." އަރާގްޗީ ވިދާޅުވިއެވެ.
ފެބްރުއަރީ މަހު އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުން ހިމެނޭހެން، ލީޑަޝިޕްގެ މުހިންމު ފަރާތްތަކެއް ގެއްލިފައިވީ ނަމަވެސް، އީރާނުގެ އަސްކަރިއްޔާ އޮތީ އެއްގަމު މަގުން ކުރާ "އެސިމެޓްރިކް" ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއްގަމު މަގުން ކުރާ ކޮންމެ ހަނގުރާމައަކީ އެމެރިކާގެ ސިފައިންނަށް ކުރިމަތިވާނެ "ކާރިސާއެއް" ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އެމެރިކާގެ އަސްކަރީ ބާރު ގަދަކުރުން
ޓްރަމްޕްގެ ސަރުކާރުން ފަހަކަށް އައިސް ސިފައިން ފޮނުވުމާއި ދެމުންދާ ބަހުގެ ހަމަލާތަކާ ގުޅިގެން، އެއްގަމު މަގުން އޮޕަރޭޝަނެއް ފެށުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޔޫ.އެސް.އެސް ޓްރިޕޮލީ އެމްފިބިއަސް ޓާސްކް ފޯސްގެ ދަށުން ގާތްގަނޑަކަށް 3,500 މެރިންސް އަދި ފަޅުވެރިން ހުކުރު ދުވަހު ސަރަޙައްދަށް އައިސްފައިވާއިރު، އިތުރު 2,200 މެރިންސް އަދި 82 ވަނަ އެއަރބޯން ޑިވިޜަންގެ 2,000 ސިފައިން އެމީހުންނާ ގުޅޭނެއެވެ.
ރައީސް ޓްރަމްޕް ހަނގުރާމަ އަވަހަށް ނިމިދާނެ ކަމަށް ވިދާޅުވި ނަމަވެސް، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އީރާނުގެ މިސައިލް އަދި ނިއުކްލިއާ ގާބިލުކަން ނައްތާލުމަށްޓަކައި ހަމަލާތައް ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ސަރަޙައްދީ މަރުތަޅު
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގު އީރާނުން ބަންދުކޮށްފައިވާއިރު، ހުއްދަދޭ އުޅަނދުފަހަރުގެ އަތުން ޓޯލް ފީގެ ގޮތުގައި ޗައިނާގެ ޔުއާން އިން ފައިސާ ދެއްކުމަށް އީރާނުން ދަނީ މަޖުބޫރު ކުރަމުންނެވެ. ޕާކިސްތާނާއި ތުރުކީން މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތް ކުރި ނަމަވެސް، އީރާނުން ބުނަނީ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މަޝްވަރާ ނުކުރާނެ ކަމަށެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ސޫރިޔާގެ ލީޑަރު އަހުމަދު އަލް-ޝަރާ ވިދާޅުވީ، 14 އަހަރުގެ ހަނގުރާމައަށްފަހު ސޫރިޔާ މި ހަނގުރާމައިގައި އޮންނާނީ ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ. މުޅި ސަރަޙައްދުގެ މަސްރަޙު މިހާރު އޮތީ މިއަށްވުރެ ލޭއޮހޮރުވުން ބޮޑުވެދާނެ އާ މަރުހަލާއަކަށް ތައްޔާރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!