ހޯރްމުޒް ކަނޑުއޮޅީގައި އީރާނުން ގާއިމުކޮށްފައިވާ ބްލޮކޭޑް ނައްތާލުމަށް އެހީތެރިވުމުގެ ގޮތުން، އެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިލްތިމާސަށް ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަޕާން އަދި އޮސްޓްރޭލިއާއިން އިންކާރުކޮށްފިއެވެ.
މި ގައުމުތަކުން މިގޮތަށް ނިންމުމަކީ ތިން ހަފުތާވީ މި ހަމަނުޖެހުމުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެކެވެ. މީގެ ކުރިން ގަލްފް ސަރަހައްދުގައި ހިންގި މިފަދަ އޮޕަރޭޝަންތަކާ ހިލާފަށް، މިފަހަރު "ހޯރްމުޒް ކްރައިސިސް" ނުވަތަ ހޯރްމުޒްގެ ނުތަނަވަސްކަން ހައްލުކުރުމުގައި އެމެރިކާ އާއި އިޒްރޭލު ވަނީ ބައިނަލްއަގުވާމީ އެހީތެރިކަމެއް ނެތި އެކަހެރިވެފައެވެ.
އެމެރިކާގެ އެންމެ ގާތް ބައިވެރިންގެ މި ނިންމުމާއެކު، އަމިއްލައަށް ބްލޮކޭޑް ފޫއަޅުވާލުމަށް މަސައްކަތް ކުރުން ނުވަތަ ދިގުދެމިގެންދާ އިގްތިސާދީ ހަނގުރާމައެއްގެ ކުރިމަތިލުމަކަށް ދިއުމުގެ އިހުތިޔާރު އެމެރިކާއަށް ވަނީ މަޖުބޫރުވެފައެވެ.
ގައުމުތަކުން ބައިވެރިނުވާން ދެއްކި ސަބަބުތައް:
އެމެރިކާގެ އިސްނެގުމުގެ ދަށުން އުފައްދަން އުޅުނު "ހޯރްމުޒް ކޯލިޝަން" ގައި ބައިވެރިނުވުމަށް ކޮންމެ ގައުމަކުންވެސް ވަނީ ވަރުގަދަ ސަބަބުތަކެއް ދައްކާފައެވެ. އެގޮތުން ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޝިންޖީރޯ ކޮއިޒޫމީ ވިދާޅުވީ، ކަނޑުގެ ސިފައިން ފޮނުވުމަށް ޓޯކިޔޯއިން ގަސްދުނުކުރާ ކަމަށާއި، ޖަޕާނުގެ ސުލްހަވެރި ގާނޫނީ އޮނިގަނޑު އޮތްގޮތުން މިފަދަ ކަމަކަށް ހުއްދަ ދިނުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިއީ ގަލްފްގެ ތެލުން އެންމެ ބޮޑު މަންފާއެއް ހޯދާ އެއް ގައުމަކީ ޖަޕާން ކަމަށް ބުނެ ޓްރަމްޕް ކުރެއްވި އުންމީދުތަކަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.
އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ކެތަރިން ކިންގް ވިދާޅުވީ ކެންބަރާއިން އެއްވެސް މަނަވަރެއް ނުފޮނުވާނެ ކަމަށާއި، އެ ގައުމުގެ ބައިވެރިވުން ހަމައެކަނި ދިފާއީ އޮޕަރޭޝަންތަކަށް ބޭނުންކުރާ މަތިންދާބޯޓުތަކަށް އެހީތެރިވުމަށް އެކަނި މަހްދޫދުކުރާނެ ކަމަށެވެ.
ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރު ޔޯހަން ވަޑެފުލް ވިދާޅުވީ އދ. ގެ ސާފު މެންޑޭޓެއް ނެތް ހަމަލާ ދިނުމުގެ އެއްވެސް ހަރަކާތެއްގައި ބާލިންއިން ބައިވެރިނުވާނެ ކަމަށެވެ.
ފަރަންސޭސި ރައީސް މެކްރޯން އިސްކަންދެއްވަނީ އެމެރިކާގެ ހަމަލާދޭ މިޝަނެއްގެ ބަދަލުގައި، އީޔޫއިން އިސްނަގައިގެން ހިންގާ "ހަމައެކަނި ދިފާއީ" މިޝަނަކަށެވެ.
އީރާނުގެ "ސެޖިލް" މިސައިލްގެ ބިރުވެރިކަން:
މި ގައުމުތަކުން ފަސްޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، އީރާނުން ތައާރަފްކޮށްފައިވާ "ސެޖިލް" އަދި "ފައްތާހު" ހައިޕަސޮނިކް މިސައިލްތަކުގެ ނުރައްކަލެވެ. ސެޖިލް ފަދަ ސޮލިޑް-ފިއުލް ބޭނުންކުރާ މިސައިލްތަކަކީ ފޮނުވާލުމުގެ ކުރިން ދެނެގަންނަން އުނދަގޫ ހަތިޔާރުތަކެކެވެ. ހޯރްމުޒް ކަނޑުއޮޅި ފަދަ ހަނި ސަރަހައްދަކަށް އަގުބޮޑު މަނަވަރުތައް ފޮނުވުމުން، އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކުގެ ކުރިމަތީގައި އެ މަނަވަރުތަކުގެ ދިފާއީ ނިޒާމުތަކަށް ނުކަތާނެ ކަމުގެ ބިރު ބައިވެރި ގައުމުތަކުން ފާޅުކުރެއެވެ.
ޓްރަމްޕްގެ "ހަނދާން ބަހައްޓާނަން" މި އިންޒާރު:
އެހީތެރިކަން ނުލިބުމާ ގުޅިގެން ވައިޓް ހައުސްއިން ވަނީ ވަރަށް ހަރުކަށި ރައްދެއް ދީފައެވެ. އެއަރ ފޯސް ވަންގައި ދަތުރުކުރައްވަމުން ޓްރަމްޕް ނޭޓޯގެ ބައިވެރިންނަށް އިންޒާރު ދެއްވީ، "އެހީތެރިކަން ލިބުނަސް ނުލިބުނަސް، އެ ވަގުތު އެހީތެރިވި ބަޔަކާއި ނުވި ބަޔަކު އަހަރެމެން ހަނދާން ބަހައްޓާނަން" ކަމަށެވެ. މި ނިންމުމާއެކު އެމެރިކާއާއި އޭގެ ބައިވެރިންގެ މެދުގައި އޮތް ގުޅުމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!