އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަކީ އީރާނުގެ އަސްކަރިއްޔާއިން ހަމަލާދިނުން ހުއްދަ "ލެޖިޓިމޭޓް ޓާގެޓްތަކެއް" ކަމުގައި ކަނޑައަޅައި، އެ ކުންފުނިތަކުގެ ލިސްޓެއް 11 މާރިޗު 2026 ގައި އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ)އިން އާންމުކޮށްފިއެވެ.

މި ލިސްޓް އާންމުކޮށްފައި ވަނީ (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން މި ނިންމުން ސިފަކޮށްފައިވަނީ "އިންފްރާސްޓްރަކްޗަރ ވޯ" ނުވަތަ އުމުރާނީ ވަސީލަތްތަކަށް އަމާޒުކޮށްގެން ފަށާފައިވާ ހަނގުރާމައަކަށް ބަދަލުވުމުގެ ފެށުމެއްގެ ގޮތުގައެވެ. މީގެ ކުރިން ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދިން ނަމަވެސް، މިހާރު ވަނީ އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ އަމިއްލަ ޓެކްނޮލޮޖީ ކުންފުނިތަކަށްވެސް މި ނުރައްކާ ފުޅާކޮށްފައެވެ.

Ad
rt

އީރާނުން އާންމުކުރި ލިސްޓުގައި ހިމެނޭ މައިގަނޑު ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓް، ޕަލަންޓީއާ، ގޫގުލް، އޮރަކަލް، އެންވީޑިއާ، އައި.ބީ.އެމް އަދި އެމެޒޯން ހިމެނެއެވެ.

މި އިންޒާރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިސްރާއީލާއި ޚަލީޖު ކަރައިގެ ގައުމުތަކުގައި، ޚާއްޞަކޮށް ދުބާއީ އާއި އަބޫދާބީގައި ހުރި އެ ކުންފުނިތަކުގެ އޮފީސްތަކާއި ޑޭޓާ ސެންޓަރުތަކަށެވެ.

އައި.އާރު.ޖީ.ސީ އިން ފާހަގަކޮށްފައިވާ ގޮތުގައި، އަސްކަރީ ލޮޖިސްޓިކްސް އަދި ޖާސޫސީ މަސައްކަތްތަކަށް އެހީތެރިވެދޭ ކަމަށް ބެލެވޭ ކްލައުޑް ސަރވިސް ނޯޑްތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް (އާރު އެންޑް ޑީ) މަރުކަޒުތަކަކީ ސީދާ ހަމަލާދެވިދާނެ ތަންތަނެވެ.

މި ނުތަނަވަސްކަން އުފެދެން މެދުވެރިވީ 2026 ފެބުރުވަރީ 28 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން ފެށި "އޮޕަރޭޝަން އެޕިކް ފިއުރީ" އާ ގުޅިގެންނެވެ. އީރާނުގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ބަލިކަށިކޮށްލުމަށް ދިން މި ހަމަލާތަކުގައި އީރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންތަކެއް އަވަހާރަވެފައިވާ ކަމަށް ކަށަވަރުނުކުރެވޭ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، އީރާނާ ގުޅުން އޮންނަ 'މަޑީވޯޓަރ' ފަދަ ހެކަރުންގެ ގްރޫޕްތަކުން އެމެރިކާގެ މާލީ އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ދޭ ސައިބަރ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ.

ސެކިއުރިޓީ މާހިރުން ދެކޭގޮތުގައި، މިއީ މެދު އިރުމަތީގެ ގައުމުތަކުގައި އެމެރިކާ ނުވަތަ އިސްރާއީލާ ގުޅުންހުރި ޓެކްނޮލޮޖީ މަރުކަޒުތައް ގާއިމުކުރުން ހުއްޓުވުމަށް ދޭ އިންޒާރެކެވެ. މިކަމާ ގުޅިގެން އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީ (ސީއައިއެސްއޭ) އިން ވަނީ ކްލައުޑް އަދި އޭ.އައި ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން، ފިޒިކަލް އަދި ސައިބަރ ހަމަލާތަކަށް ނުހަނު ބޮޑަށް ސަމާލުވެ ތިބުމަށް އިރުޝާދު ދީފައެވެ.