އީރާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން، ބޮމާއި، މިސައިލްގެ އަޑާއެކު އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ''ﷲ އަކްބަރު''ގެ މަތިވެރި ކަލިމަ ގޮވަމުންދާއިރު، އިސްރާއީލުގެ މީހުން މިސައިލް އަޑާއެކު ބަންކަރުތަކަށްވަދެ ބިރުން ފިލާ މަންޒަރު ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ހިތްވަރާއި ފިނޑިކަމުގެ މިސާލު މި މަންޒަރުތަކުން ދަނީ ދައްކުވައިދެމުންނެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވެރިކަމަށް އައްޔަނުކުރެއްވި ދަނޑިވަޅުގައި، އިސްރާއީލާއި އެމެރިކާއިން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކާއެކު މުޅި ސަރަޙައްދުގެ މަސްލަހަތު ވަނީ ގޯސްވެފައެވެ.
އީރާނުގެ ވެރިރަށް ތެހެރާނާއި އިސްފަހާން ފަދަ ބޮޑެތި ސިޓީތަކަށް އިސްރާއީލުން މިސައިލް ހަމަލާތައް ދެމުންދާއިރު، އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން ފެންނަނީ ނުގުޑާފަދަ ހިތްވަރާއި ސާބިތުކަމެވެ. މިސައިލްތަކާއި ވައިގެ ދިފާޢީ ނިޒާމުތަކުގެ ގޮވުންތަކުން ޖައްވު ގުގުމަމުންދާއިރު، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އިމާރާތްތަކުގެ ފުރާޅުތަކުގެ މައްޗަށާއި އާންމު މައިދާންތަކަށް އެއްވެ "ﷲ އަކްބަރު" ކިޔައި ތަކްބީރު ދެންނެވުމާ އެކު ދީނީ ރޫޙު އާލާކުރަމުންނެވެ. ބައެއް ރިޕޯޓްތަކުން އެނގޭ ގޮތުގައި، ކައިރީގައި ބޮންތައް ގޮވަމުންދާއިރުވެސް، އާ ވެރިޔާއަށް ބައިޢަތު ހިފުމުގެ ހަރަކާތްތަކުގައި ބިރުވެރިކަމެއް ނެތި ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
When a bomb fell in Iran, people began chanting "Allahu Akbar."
Meanwhile, the Israelis were hiding in bunkers. pic.twitter.com/umcmIKSPMj
— Kavish aziz (@azizkavish) March 9, 2026
މީގެ މުޅިން އިދިކޮޅަށް، އިސްރާއީލުގެ ތެލް އަވީވް އާއި ގުދުސް ފަދަ ސިޓީތަކުން ފެންނަނީ ބިރުވެރިކަމުގެ މަންޒަރުތަކެވެ. އީރާނުން ފޮނުވާލާ ބެލިސްޓިކް އަދި ހައިޕަރސޮނިކް މިސައިލްތަކުގެ އިންޒާރުދޭ ސައިރަންގެ އަޑާއެކު، އިސްރާއީލުގެ ރައްޔިތުން އަވަސްވެގަންނަނީ އަޑީގައި ހުންނަ ބަންކަރުތަކަށާއި ރައްކާތެރި ކޮޓަރިތަކަށް ވަދެ ފިލުމަށެވެ. މުޅި އިސްރާއީލަށް ނުތަނަވަސްކަން ވެރިވެފައިވާއިރު، ގިނަ ބަޔަކު ތިބީ ހަމަލާތަކުން ސަލާމަތްވުމަށް ބަންކަރުތަކުގައި ބަންދުވެފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ދެ ގައުމުން ފެންނަ ތަފާތު މަންޒަރުތަކުން ދޭހަކޮށްދެނީ ދެ ފަރާތުގެ ފިކުރީ އަދި ސަގާފީ ތަފާތެވެ. އީރާނުގެ ރައްޔިތުން އިސްލާމީ އިންގިލާބީ ފިކުރާއި ދީނީ ސާބިތުކަން އިސްކުރާއިރު، އިސްރާއީލުން އިސްކަންދެނީ ހަމައެކަނި ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށެވެ.
މި ހަނގުރާމައިގައި އީރާނުން ދަނީ އިސްރާއީލުގެ އިތުރުން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. ރައްދުގައި އިސްރާއީލާއި އެމެރިކާއިން ދަނީ އީރާނުގެ މިސައިލް އުފައްދާ ކާރުޚާނާތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮން އަޅަމުންނެވެ. ދެފަރާތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މި ހަނގުރާމަ ހުއްޓުމަކަށް އަތުވެދާނެ ފަދަ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!