ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެެ.
މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ރަޝީދު އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރުމަހުގެ ތިން ވަނަ ދުވަހު އެވެ.
އަދި ހަމަ އެމަހުގެ ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ، އެ ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މި އިޞްލާޙުގެ ދަށުން، ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ވަކި ބަރުދަނަކަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.
މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވައި، ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، ފަރުވާ ދިނުމަށް އިސްކަންދީ، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުން މުޖުތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ނިޒާމެއް ތަޢާރަފުކުރުމާއި، ޑްރަގް ކޯޓުގެ އުސޫލުތަކާއި ފަރުވާގެ ޕްރޮގްރާމުތައް މުރާޖަޢާކޮށް، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިފައިވެއެވެ.
ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދީފައިވެއެވެ. މިގޮތުން، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކޮށްފައެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހުއްދަދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ފަދަ އިތުރު ކުށްތައް ވަނީ ބިލުގައި ކަނޑައަޅާފައެވެ.
އަދަބުތަކަށް ބަލާއިރު، ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ އަދަބު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން، 20 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 75,000 ރުފިޔާއާއި 7.5 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އެންމެ ބޮޑު ބަދަލަކީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވަކި ބަރުދަނަކަށްވުރެ އިތުރަށް (މިސާލަކަށް ކެނެބިސް 350 ގްރާމަށްވުރެ އިތުރު ނުވަތަ ޑައިމޯފިން 250 ގްރާމަށްވުރެ އިތުރު) އެތެރެކުރުމުގެ ކުށުގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައެޅިފައިވުމެވެ.
މަރުގެ އަދަބު ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކެއް މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންޖެހޭނެއެވެ. އަދި އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ކަނޑައެޅިފައިވުމުގެ އިތުރުން، އެފަދަ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިޢުތިރާފުގެ އެއްބަސްވުމެއް ވެސް ނުވެވޭނެއެވެ.
މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި
އައިޝަތު ޢާދަމް
22:51
ޚުލާޞާ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފަށައިފި އެވެެ. މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ލ. ގަމު ދާއިރާގެ ޕީއެންސ...
ބައިތައް
ރާއްޖެ
ޓެގްތައް
#މަސްތުވާތަކެތީގެ މައްސަލަތައް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!