އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ "ޣައިރުޤާނޫނީ" ހަމަލާތަކެއް ކަމަށާއި، އެއީ އީރާނުގެ މިނިވަންކަމާއި، ސިޔާދަތީ އަދި ބިމުގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށް ބުނެ އުތުރު ކޮރެއާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އާދީއްތަ ދުވަހު އުތުރު ކޮރެއާއިން ނެރުނު ބަޔާނެއްގައި، އީރާނަށް ދެމުންދާ ހަމަލާތަކަކީ "ޣައިރުޤާނޫނީ އުދުވާނެއް" ކަމަށް ސިފަކޮށްފައިވެއެވެ. އަދި މިއީ "ގޭންގްސްޓަރުން ފަދަ" އަނިޔާވެރި ސިފަ ހާމަވެގެންދާ ކަމެއް ކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

Ad
rt

އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން ހިންގާ މި އަސްކަރީ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އެހެން ޤައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ އެންމެ ދަށުދަރަޖައިގެ އަމަލު ކަމަށެވެ.

މި ބަޔާން އާންމުކޮށްފައިވަނީ އުތުރު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ (ކޭސީއެންއޭ) މެދުވެރިކޮށެވެ.

ޕިޔޮންގްޔަންގުން ހާމަކުރި ގޮތުގައި، މި އަސްކަރީ ހަރަކާތްތަކުން ފެނިގެންދަނީ އެ ދެ ބައިވެރިންގެ "ލަދުކުޑަ އަދި ގޭންގްސްޓަރުން ފަދަ އަމަލުތައް" ކަމަށެވެ. އަދި އެމީހުން އަސްކަރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ އަމިއްލަ އެދުމާއި ދުނިޔޭގެ މައްޗަށް ބާރު ފޯރުވުމުގެ ނުބައި މަޤްސަދުގައި ކަމަށްވެސް ބުނެފައިވެއެވެ.

އުތުރު ކޮރެއާއާއި އެމެރިކާއަކީ ޒަމާނުއްސުރެ ހަތުރުވެރި ދެ ޤައުމު ކަމުގައި ވިޔަސް، ފާއިތުވި މަސްތަކުގައި މަތީ ފަންތީގެ މަޝްވަރާތައް އަލުން ފެށުމަށް ވޮޝިންޓަނުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މި އަހަރު ބައްދަލުކުރެއްވުމުގެ ފުރުސަތެއް އޮތްތޯ ދަނީ ބަލަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގެ މި ހުށަހެޅުންތަކަށް ސަމާލުކަން ނުދީ ހުރުމަށްފަހު، ކިމް މި ހަފުތާގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއަރ ބާރު އެމެރިކާއިން ރަސްމީކޮށް ބަލައިގަންނަ ނަމަ، ދެ ޤައުމުގެ ގުޅުން ރަނގަޅު ކުރެވިދާނެ ކަމަށެވެ.