އިޖުތިމާއީ ރައްކާތެރިކަމާއި، ސިއްހީ ހިދުމަތާއި، ދަތުރުފަތުރާއި، އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސާބިތުކަމާ އެކު މި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ އިޖުތިމާއީ އަދުލުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު ދިވެހިރާއްޖެ ސާބިތުކަމާ އެކު އޮތްކަން ހާމަކުރައްވާ ކަމަށެވެ. އަދި މި ދުވަހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކާއި، އިންސާނީ ކަރާމާތާއި، ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި، އިތުބާރު ހުރި ދަތުރުފަތުރާއި، އަދި އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި، އިންސާފުވެރި އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ވަސީލަތްތަކުގެ ތަފާތުތަކާއި ތަފާތު ގޮންޖެހުންތައް ހުރި ނަމަވެސް، އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި އަދި އުއްމީދީ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިޖުތިމާޢީ އަދާލަތަކީ ސުލްހަވެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމުގެ އަސާސްކަން ފާހަގަކުރައްވައި، 'ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް' ގައި ރާއްޖެއިން ބައިވެރިވުމަކީ ޤައުމީ ސިޔާސަތުތައް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް ލިބޭ ބާރެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތްތައް ފަހިކޮށްދިނުމުން މުޖުތަމަޢުގެ ބައިވެރިވުން އިތުރުވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވަޢުދަކަށް ނުހަދައި، އެއީ އަމަލީ ޙަޤީޤަތަކަށް ހެދުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވަމުންނެވެ. އެންމެން ގުޅިގެން، އޯގާތެރިކަމާއި ފަރުދީ ޒިންމާގެ ރޫހުގައި، އެންމެންނަށް ދެމެހެއްޓެނިވި ފާގަތި މުސްތަގުބަލެއް ބިނާކުރުމުގައި ދެމިތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!