އިސްރާއީލުގެ ޖައްބާރު ފުލުހުން، މަސްޖިދުލް އަޤްޞާގެ އިމާމެއް ކަމަށްވާ ޝައިޚް މުޙައްމަދު ޢަލީ އަލް-ޢައްބާސީ، މަސްޖިދުލް އަޤްޞާގެ ގޯތިތެރެއިން ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައްބުނާ ގޮތުގައި، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ޝައިޚް އަލް-ޢައްބާސީ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ހާމަކުރުމެއް ނެތިއެވެ. އަދި އޭނާއާ މެދު އަމަލުކުރަމުންދާ ގޮތެއް ނުވަތަ އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއްވެސް އިސްރާއީލުގެ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

Ad
rt

ފަލަސްޠީނުގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، މިއީ މަސްޖިދުލް އަޤްޞާއާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ތެރެއިން ހިންގި ލާއިންސާނީ ޢަމަލެކެވެ. މީގެ ތެރޭގައި މިސްކިތުގެ އިމާމުންނާއި ޚަޠީބުންނަށް ބިރުދެއްކުމާއި، ނަމާދުކުރާ މީހުން މިސްކިތަށް ވަނުން ހަނިކުރުމުގެ އިތުރުން، އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ހަރުކަށި ޔަހޫދީ ވަޒަންވެރިން މިސްކިތުގެ ގޯތިތެރެއަށް ވަނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މި ހާދިސާއާ ގުޅިގެން ގުދުސް ސިޓީއާއި އަޤްޞާ މިސްކިތް ހިމެނޭ ސަރަޙައްދުގައި ނުތަނަވަސްކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ފަހަކަށް އައިސް އިސްރާއީލުން ދަނީ ގުދުސްގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް، އެ ސިޓީން ބޭރުކުރުމުގެ އަމަލުތައް އިތުރުކުރަމުންނެވެ.

ޝައިޚް އަލް-ޢައްބާސީ ހައްޔަރުކުރި ސަބަބާ ގުޅޭގޮތުން އިސްރާއީލުގެ އިދާރާތަކުން މިހާތަނަށް ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. މިފަދަ އަމަލުތަކަކީ މުސްލިމުންގެ މުޤައްދަސް ބިމަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބައެއް ކަމަށް ފަލަސްޠީނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.