އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ސިޔާސީ މަސްރަހުން ފަހަކަށް އައިސް ފެންނަމުންދާ ބަދަލުތަކާއި، ފެތުރެމުންދާ ޚަބަރުތަކުގެ ސަބަބުން އެ ގައުމުގެ ވެރިކަމުގެ ބާރުވެރިކަމުގެ "ގޭމް އޮފް ތުރޯންސް" ނުވަތަ ބާރުގެ ހަނގުރާމައެއް އުޅޭކަމުގެ ބަހުސް ވަނީ ގަދަވެފައެވެ.
މިކަމާ ގުޅޭގޮތުން ފެންމަތިވެފައިވާ މައިގަނޑު ކަންތައްތަކަށް ބަލައިލާއިރު،
އުރުދުޣާންގެ ދަތުރުފުޅު ފަސްކުރުމާއި "ފޮހެލި ޓުވީޓު"
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން 15 ފެބުރުއަރީ 2026 ގައި އަބޫދާބީއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސްކުރުމާ ގުޅިގެން އުފެދުނު ސުވާލުތަކަކީ މި ބަހުސްގެ ފެށުމެވެ. ތުރުކީގެ ކޮމިއުނިކޭޝަން އޮފީހުން އެންމެ ފުރަތަމަ 'އެކްސް' ގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ދަތުރުފުޅު ފަސްކުރީ ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު (އެމް.ބީ.ޒެޑް) ގެ "ސިއްހީ ހާލުކޮޅު ހުރިގޮތުން" ކަމަށެވެ. ނަމަވެސް، ގަޑިއެއްހާއިރު ތެރޭގައި އެ ޓުވީޓު ފޮހެލައި، އާ ބަޔާނެއްގައި "ސިއްހީ ހާލަތުގެ" ވާހަކަ އުނިކޮށް، ހަމައެކަނި ދަތުރުފުޅު ފަސްކުރި ވާހަކަ ވަނީ ހިމަނާފައެވެ. މި ޝައްކުތަކަށް އިތުރު ބާރެއް ލިބުނީ، ޖެހިގެން އައި ދުވަހު ގްރީސްގެ ބޮޑުވަޒީރު ވެސް ޔޫއޭއީއަށް ކުރައްވަން އޮތް ދަތުރުފުޅު ކުއްލި ގޮތަކަށް ކެންސަލް ކުރެއްވުމުންނެވެ.
އެމް.ބީ.ޒެޑް ގެ ހާލަތު: ބަލިފުޅުވީތޯ ނުވަތަ މަގާމުން ވަކިކުރީތޯ؟
ރައީސް އެމް.ބީ.ޒެޑް މަގާމުން އެކަހެރިކުރެވިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ގުޅެނީ ޔޫއޭއީގެ މާލީ ބާރުވެރިކަމަށް އައި ބޮޑު ބަދަލަކާއެވެ. 2026 ފެބުރުއަރީގެ ކުރީކޮޅު، އަބޫދާބީގެ އެންމެ ވަރުގަދަ އިންވެސްޓްމަންޓް ފަންޑު ކަމަށްވާ 'އޭ.ޑީ.ކިއު' (ލަފާކުރެވޭ ގޮތުގައި 250 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮތް ފަންޑު) ގެ ކޮންޓްރޯލް ޝައިޚް ތަހުނޫން ބިން ޒައިދުގެ އަތްޕުޅުން ނަންގަވައި، އެމް.ބީ.ޒެޑް ގެ ދަރިކަލުން ޝައިޚް ޚާލިދު ބިން މުޙައްމަދާ ވަނީ ހަވާލުކުރައްވާފައެވެ.
ރަސްކަމުގެ ނިޒާމުތަކުގައި، ބާރުގަދަ ކޮއްކޯފުޅެއްގެ އަތުން މާލީ ޒިންމާތައް އަތުލުމަކީ އާންމުކޮށް ވެރިކަމުގެ ތަރުތީބުން އެ ބޭފުޅަކު އެކަހެރިކުރުމުގެ ކުރިން ކުރާ ކަމެކެވެ. ނަމަވެސް، ބަޣާވާތެއް ހިނގައި ތަހުނޫން ބާރުތައް އަތުލާފައިވާ ކަމަށް ބުނާ ވާހަކައާ ޚިލާފަށް، 16 ފެބުރުއަރީގައި ތަހުނޫން ވަނީ ޕާކިސްތާނުގެ އަސްކަރީ އިސްވެރިޔާއާ ބައްދަލުކުރައްވާފައެވެ. މިއިން އެނގެނީ އޭނާ އަދިވެސް ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމުގައި ހުންނެވި ކަމެވެ.
ސައުދީ އަރަބިއްޔާގެ ދައުރު
ޝައިޚް ތަހުނޫނަށް ސައުދީ އަރަބިއްޔާގެ ތާއީދު އޮތް ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ސައުދީގެ މީޑިއާ މިނިސްޓަރު ވަނީ ތަހުނޫނަށް ސައުދީން މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ. އެމް.ބީ.ޒެޑް އާއި ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އާ ދެމެދު އޮތް ގުޅުން ފިނިވެފައި އޮތުމުގެ ސަބަބުން، ސައުދީން ބޭނުންވަނީ އަބޫދާބީގައި ތަފާތު ސިޔާސަތެއް ގެންގުޅޭނެ ވެރިއެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
"ޚަލީފާ ސްޓްރެޓެޖީ" އާ އެއްގޮތްވުން
މަރުހޫމް ޝައިޚް ޚަލީފާ ބިން ޒައިދުގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، ޔޫއޭއީން މިހާރުވެސް އެ އުކުޅު ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ. 2014 އިން 2022 އާ ހަމައަށް ޝައިޚް ޚަލީފާ ބަލިހާލަތުގައި ހުންނެވިއިރު، އަމަލީ ގޮތުން ގައުމު ހިންގެވީ އެމް.ބީ.ޒެޑް އެވެ. މިހާރުވެސް އެމް.ބީ.ޒެޑް ގެ ސިއްހީ ހާލުކޮޅު ސީރިއަސް ނަމަ، އޭނާ ރަމްޒީ ވެރިއެއްގެ ގޮތުގައި ބަހައްޓައި، ދަރިކަލުން ޚާލިދު ބިން މުޙައްމަދު ވެރިކަމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބެލެވެއެވެ.
ބަޣާވާތެއްގެ ހެއްކެތްނެތް
ބަޣާވާތެއް ހިނގައި ނުވަތަ ރައީސް މަގާމުން ދުރުކުރި ކަމުގެ ކަށަވަރު ހެއްކެއް ނެތް ނަމަވެސް، ދުނިޔޭގެ ލީޑަރުންގެ ދަތުރުފުޅުތައް ކެންސަލްވުމާއި، މާލީ ބާރުތަކަށް އައި ބަދަލަކީ ފަރުދާގެ ފަހަތުގައި ބޮޑު ކަންތައްތަކެއް ހިނގަމުންދާ ކަމުގެ ވަރުގަދަ ނިޝާންތަކެއްކަމަށް މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!