ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަގުސަދުގައި، އެ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް މިއަދު ހެނދުނު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައު އޮފީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން އެވެ.
މޯލްޑިވިސް އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު އޮފީސް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި ދެމުންދާ އިމިގްރޭޝަންގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި އައު އޮފީސް ހުޅުވުމާއެކު، ކުޅުދުއްފުށީގައި މަސައްކަތްކުރާ އިމިގްރޭޝަން އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ މުއައްސަސާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މި އައު އޮފީހުގެ ސަބަބުން ކުޅުދުއްފުށި ސިޓީއާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިއީ ސަރުކާރުން އަތޮޅުތެރޭގައި ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!