ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގަމުން އަންނަ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ ކުޑަކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ބަދަލު ގެނެސްފައިވަނީ "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އިންތިޤާލީ އުސޫލު" ބަޔާންކުރާ 2024 ވަނަ އަހަރުގެ ގަވާއިދުގެ ދަށުންނެވެ.

Ad
rt

މި ގަވާއިދުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމް.އެފް.ޑީ.އޭ) ނަގަމުންދާ ފީތަކަށް ބޮޑު ލުޔެއް ދިނުމަށް ވަނީ ނިންމާފައެވެ.

މިގޮތުން، މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއާއި ކެޓަގަރީ ފީ މިހާރު ވަނީ 50 އިންސައްތައަށް ކުޑަކޮށްފައެވެ.

މި އައު ބަދަލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2026 އިން ފެށިގެންނެވެ. އަދި މި ލުއިތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށްވެސް ހެލްތް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން މި ބަދަލަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.