އަންގާރަ ދުވަހު ދުނިޔޭގެ މުހިންމު ފައިސާތަކާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފައިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލުކުރުމުން، ޑޮލަރުގެ އަގު ހުރީ "ވަރަށް ރަނގަޅަށް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ޑޮލަރުގެ އަގު އިތުރަށް ބަލިކަށިވިކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

Ad
rt

ޑޮލަރުގެ އަގު ދަށަށް ދިއުމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއި އިންވެސްޓަރުން ފާޅުކޮށްފައިވާ ބައެއް ޚިޔާލުތައް ''ރޮއިޓާސް'' އިން ވަނީ ގެނެސްދީފައެވެ. އެއިގެ ތެރެއިން ބައެއް ޚިޔާލުތަކަކީ،

ޕްރަޝާންތު ނިއުނާހާ، ސީނިއަރ ރޭޓްސް ސްޓްރެޓެޖިސްޓް، ޓީޑީ ސެކިއުރިޓީޒް

"ޓްރަމްޕް ވިދާޅުވީ ފައިސާގެ އަގު ދަށަށް ދިއުމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް. އެއީ 2025 ވަނަ އަހަރު 10 އިންސައްތަ އަގު ވެއްޓުމަށްފަހު. ޓްރަމްޕްގެ އުކުޅަކީ ސާދާ އުކުޅެއް. މިޑް-ޓާމް އިންތިޚާބާ ދިމާކޮށް އިގްތިސާދު ހަލުވިކޮށް ކުރިއަށް ގެންގޮސް، އިންޓްރެސްޓް ރޭޓް ކުޑަކުރަން ފަސްޖެހޭ ފެޑްގެ ކުރި ހޯދުމަށްޓަކައި ޑޮލަރުގެ އަގު ވައްޓާލުމަށް ފުރުސަތު ދިނުން. ޓްރަމްޕް އެ ދެއްވަނީ ޑޮލަރު ވިއްކާލުމަށް ފެހި ސިގްނަލެއް.''

"ބޭރުގެ އިންވެސްޓަރެއްގެ ނަޒަރުން ބަލާއިރު، 4 އިންސައްތައިގެ ޔޫ.އެސް ޓްރެޜަރީޒް ހިފަހައްޓައިގެން ހުއްޓާ ޑޮލަރުގެ އަގުން 10 އިންސައްތަ ގެއްލުންވުމަކީ ކިހިނެއްވާނެ ކަމެއްތޯ އަމިއްލައަށް ތަސައްވަރު ކޮށްލައްވާ. އިންވެސްޓަރުންނަށް މިހާރު އެންމެ މުހިންމީ އިންފްލޭޝަންގެ ނުރައްކަލުން ސަލާމަތްވުން. ހަރު މުދަލާއި ކުރިއަރަމުން އަންނަ މާާރުކޭޓުތަކުގެ ނަތީޖާ މާ ރަނގަޅުވާނެ."

އެންތަނީ ޑޮއިލް، ޗީފް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް، ޕިނަކަލް އިންވެސްޓްމަންޓް މެނޭޖްމަންޓް، ސިޑްނީ

"އޭޝިއާއަށް ބަލާއިރު، ޑޮލަރުގެ އަގު ދަށަށް ދިއުމަކީ އެހީތެރިކަމަކަށް ވެދާނެ. މީގެ ސަބަބުން އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވުން ކުޑަވެ، އެ ގައުމުތަކުގެ ފައިސާއަށް އޮންނަ ޕްރެޝަރު ކުޑަވޭ. ނަމަވެސް، ޑޮލަރުގެ އަގު ވެއްޓެނީ އިންވެސްޓަރުން އެމެރިކާގެ އިތުބާރާ މެދު ސުވާލު އުފައްދާތީ ކަމަށްވާނަމަ، އޭގެ ސަބަބުން މާާރުކޭޓުގައި ނުތަނަވަސްކަން އިތުރުވެ، މާލީ ހާލަތްތައް ދަތިވެގެންދާނެ. މިއީ އޭޝިއާއިން ބޭނުންވާނެ ގޮތެއް ނޫން. ޓްރަމްޕްގެ ބަސްމަގު މުހިންމުވަނީ އެއީ ކުރިއަށް އޮތް ތަނުގެ ލަފާކުރުމަކަށް ވާތީއެއް ނޫން، އެކަމަކު އެއީ ޑޮލަރުގެ އަގު ވެއްޓުމަށް އޭނާ ހުރަސްނާޅާނެ ކަމުގެ އިޝާާރާތަކަށް ވާތީ."

ކައިލް ރޮޑާ، ސީނިއަރ މާކެޓް އެނަލިސްޓް، ކެޕިޓަލް.ކޮމް، މެލްބަން

"މިއިން ދޭހަވަނީ އެމެރިކާ ޑޮލަރަށް އޮތް އިތުބާރު ގެއްލިފައިވާކަން. އަދި ޓްރަމްޕްގެ ސަރުކާރުން އެ ބޭފުޅުންގެ އާދަޔާ ހިލާފު ވިޔަފާރި، ޚާރިޖީ އަދި އިގްތިސާދީ ސިޔާސަތުތަކުގައި ދެމިތިބޭހާ ހިނދަކު، މި ބަލިކަށިކަން ދެމިއޮތުން އެކަށީގެންވޭ. އެމެރިކާގެ އިގްތިސާދީ ބިންގާ ވަރުގަދަ ނަމަވެސް ޑޮލަރުގެ އަގު މިދަނީ ދަށަށް. އެމެރިކާގެ އިގްތިސާދު އަދިވެސް އޮތީ ވަރަށް ކުރީގައި، ޑޮލަރުގެ އަގުން އެކަން ފެންނަން ޖެހޭނެ. އެކަމަކު ޓްރަމްޕްގެ އަމަލުތަކުގެ ސަބަބުން އެކަން އެގޮތަކަށް ނުވޭ."

ކެރޮލް ކޮންގް، ކަރަންސީ ސްޓްރެޓެޖިސްޓް، ކޮމަންވެލްތު ބޭންކް އޮފް އޮސްޓްރޭލިއާ، ސިޑްނީ

"ސާފުކޮށް ދަންނަވާނަމަ، މިއަދު ހެނދުނު ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫން. ޑޮލަރުގެ އަގު ދަށްކޮށް ބެހެއްޓުމަށް އޭނާ ތާއީދުކުރައްވާ ކަމަށާއި، އޭޝިއާގެ ފައިސާތަކުގެ އަގު ދަށްވުމާ މެދު އޭނާ މީގެ ކުރިން ވެސް އެތައް ފަހަރަކު ޝަކުވާ ކުރެއްވި. ނަމަވެސް، އޭނާގެ މި ވާހަކަތައް މި އައީ އެމެރިކާ އާއި ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ފޮރިން އެކްސްޗޭންޖް މާރުކޭޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި. އެހެންކަމުން، ޑޮލަރުގެ އަގު ވައްޓާލުމަށް ރޭވުންތެރި މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު މިކަމުން އިތުރުވެގެންދިޔަ."

ސްޓީވް ސޮސްނިކް، މާކެޓް ސްޓްރެޓެޖިސްޓް، އިންޓަރެކްޓިވް ބްރޯކާސް، ގްރީންވިޗް، ކަނެކްޓިކަޓް

"ޑޮލަރުގެ އަގު ދަށްވުމަކީ ދެކޮޅު އޮތް ކަމެއް. އެއްގޮތަކުން ބަލާއިރު، މިއީ ބައިނަލްއަގުވާމީ ކުންފުނިތަކަށް ރަނގަޅު ކަމެއް، އެހެންވެ ހިއްސާގެ ބާޒާރަށް މާ ބޮޑު ބަދަލެއް ނައީ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ހިންގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭނަމަ، އެ ފައިސާ އެމެރިކާ ޑޮލަރަށް ބަދަލުކުރާއިރު ލިބޭ ފައިދާ ބޮޑުވާނެ، މިއީ އެފަދަ ކުންފުނިތަކަށް އޮތް ފައިދާއެއް."އަނެއްކޮޅުން، މީގެ ސަބަބުން އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވެ، އިންފްލޭޝަނަށް އޭގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. ބޮންޑު މާކެޓަށް ކުޑަ ބަދަލެއް އައިތަން ފެނުނީ އެ ސަބަބަށްޓަކައި"

ސޭމް ސްޓޯވަލް، ޗީފް އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް، ސީ.އެފް.އާރް.އޭ، އެލެންޓައުން، ޕެންސިލްވޭނިއާ

"އަޅުގަނޑަށް ހީވަނީ ޓްރަމްޕް ވިދާޅުވާން އެ އުޅުއްވަނީ ޑޮލަރުގެ އަގު ދަށްވުމަކީ އެކްސްޕޯޓަށް ރަނގަޅު ކަމެއް ކަމަށާއި، އެކަމާ އޭނާ އުފާކުރައްވާ ކަމަށެވެ. ނަމަވެސް މީހުން ޑޮލަރުގެ އަގު ވައްޓާލަން މަސައްކަތް ކުރާނަމަ، އެމީހުން އެ ވިއްކަނީ ޓްރެޜަރީ ބޮންޑުތަކެއް، މީގެ ސަބަބުން މިހާރުވެސް ފެންނަމުންދާ 'ކެރީ ޓްރޭޑް އަންވައިންޑިންގް' އިތުރަށް ގޯސްވެގެންދާނެ، އަދި ރަނާއި ރިހީގެ އަގުވެސް އިތުރަށް މައްޗަށް ދާނެ، އެހެންނަމަވެސް، މީގެ ސަބަބުން މުޅި މާކެޓަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން"

ސްޓީވަން އިންގްލެންޑަރ، ހެޑް އޮފް ގްލޯބަލް ޖީ10 އެފް.އެކްސް ރިސާޗް އެންޑް ނޯތު އެމެރިކާ މެކްރޯ ސްޓްރެޓެޖީ، ސްޓޭންޑަޑް ޗާޓަޑް، ނިއު ޔޯކް

"ފޮރިން އެކްސްޗޭންޖް މާކެޓުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އަބަދުވެސް އާ މިސްރާބަކަށް ދާން ބަލަބަލާ ތިބޭ ބައެއް، ގިނަ ފަހަރަށް އޮފިޝަލުން ކުއްލިއަކަށް އަންނަ ފައިސާގެ އަގުގެ ބަދަލުތަކާ ދެކޮޅު ހައްދަވާ، ނަމަވެސް ރައީސް އެކަމާ އަޅާނުލައްވާކަން ނުވަތަ އެކަމަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުން، ޑޮލަރު ވިއްކާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބި، އަގު އިތުރަށް ދަށްކުރުމަށް މަސައްކަތް ކުރޭ."

ޔޫޖީން އެޕްސްޓައިން، ހެޑް އޮފް ޓްރޭޑިންގް އެންޑް ސްޓްރަކްޗަރޑް ޕްރޮޑަކްޓްސް، މަނީކޯޕް، ނިއު ޖާޒީ

"އަޅުގަނޑަށް ހީވަނީ އޭނާ (ޓްރަމް) އަށް މިކަމުގައި ބަހެއް ބުނަން މަޖުބޫރުވީ، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ގިނަ ފައިސާތަކާ އަޅާބަލާއިރު ޑޮލަރުގެ އަގު ދަށްވާން ފެށުމުން، ވޭތުވެދިޔަ ހަ މަސް ނުވަތަ އަހަރެއްހާ ދުވަހުވެސް އަޅުގަނޑު ބުނަމުން މިދަނީ މި ސަރުކާރުން ބޭނުންވަނީ ޑޮލަރުގެ އަގު ދަށްކުރަން ކަމަށް، ވިސްނާލައިފިނަމަ، މިއީ ދަރަނި އަދާކުރުމަށް ކޮންމެވެސް ވަރަކަށް އެހީތެރިވެދޭ އަދި ވިޔަފާރީގެ ޓްރޭޑް ޑެފިސިޓް ރަނގަޅުކޮށްދޭ ކަމެއް. މީގެ މައިގަނޑު ނުކުތާއަކީ، އޭނާއަކީ ވިޔަފާރީއާ މެދު ކަންބޮޑުވާ ރައީސެއްކަން ސާފުކޮށްދިނުން."

ޖިމް ކެރޯލް، ޕޯޓްފޯލިއޯ މެނޭޖަރ، ބެލަސްޓް ރޮކް ޕްރައިވެޓް ވެލްތު، ޗާލްސްޓަން، ސައުތު ކެރޮލައިނާ

"ޓްރަމްޕް ބޭނުންފުޅުވަނީ ޑޮލަރުގެ އަގު ދަށްވުމުގެ ފައިދާ އެމެރިކާގެ އެކްސްޕޯޓަށް ކުރާށެވެ. ނަމަވެސް، އެމެރިކާގެ އިގްތިސާދުގެ ހުރިހާ ދާއިރާއަކަށް ޑޮލަރުގެ އަގު ދަށްވުމުން ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން މީގެ ނަތީޖާ ނުކުންނަ ގޮތެއް ބަލަން ޖެހޭނެ، އެންމެ ބޮޑު މައްސަލައަކީ މި ހުރިހާ ނުތަނަވަސްކަމެއްގެ ސަބަބުން ކަންތައްތައް ވެގެންދާ ގޮތެއް، މާކެޓްތަކުން އެންމެ ބޮޑަށް ނުރުހެނީ ނޭނގުމާއި ނުތަނަވަސްކަމަށް، ނަމަވެސް ސަރުކާރުން ދަނީ މާކެޓްތަކުން އިޖާބަދޭ ގޮތް ބެލުމަށްޓަކައި ތަކުރާރުކޮށް 'އަތުބޮން' އުކަމުން"