އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަރޭލީ ސަރަހައްދުގައި ހުސްކޮށް ހުރި އިމާރާތެއްގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރަން ތިބި 12 މީހަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް އަމަންއަމާންކަން ނަގާލަން އުޅުނުކަމުގެ ދައުވާ އުފުލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި، ބަރޭލީގެ ބިޝާރަތުގަންޖް ސަރަހައްދުގައި އޮންނަ މުޙައްމަދުގަންޖް އަވަށުގައެވެ.

Ad
rt

މި މައްސަލަ ފެންމަތިވެފައިވަނީ ހުސްކޮށް ހުރި ގެއެއްގެ ތެރޭގައި ބަޔަކު ޖަމާއަތުގައި ހުކުރު ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ އަވަށުގެ އެހެންދީންތަކުގެ ބައެއް މީހުން ވަނީ، އިދާރީ ހުއްދައަކާ ނުލައި އެ ގެއަކީ "ވަގުތީ މަދަރުސާއެއް" ނުވަތަ "ވަގުތީ މިސްކިތެއް" ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް ޝަކުވާ ހުށަހަޅާފައެވެ. މި ޝަކުވާތަކާ ގުޅިގެން ބަރޭލީ ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށް، އަމަންއަމާންކަން ނަގާލުމާ ގުޅޭ ގާނޫނީ މާއްދާތަކުގެ ދަށުން އެމީހުންގެ މައްޗަށް ދައުވާ އުފުލާފައެވެ.

ފުލުހުންގެ ފިޔަވަޅާއި ގާނޫނީ ބަހުސް

މި ހާދިސާއާ ގުޅިގެން އެސް.ޕީ (ސައުތު) އަންޝިކާ ވަަރުމާ ވަނީ އެކަން ދިފާޢުކުރަށްވައި މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. ފުލުހުން ބުނާ ގޮތުގައި، ދީނީ އެއްވުންތަކާއި ޖަމާއަތުގައި ކުރާ ހަރަކާތްތައް ދިރިއުޅޭ ނުވަތަ ހުސްކޮށް ހުރި އަމިއްލަ ތަންތަނުގައި ކުރިން ހުއްދަ ހޯދުމަކާ ނުލައި ހިންގުމަކީ، މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ހަދާފައިވާ ގަވާއިދުތަކާ ޚިލާފު ކަމެކެވެ.

ނަމަވެސް، މި ހައްޔަރުކުރުންތަކާ ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި ދީނީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާގެ އޭ.އައި.އެމް.އައި.އެމް ގެ ތަރުޖަމާނު ވަރިސް ޕަތާން އަދި ކޮންގްރެސްގެ ލީޑަރު ޑރ. ޝަމާ މުޙައްމަދު ފަދަ ބޭފުޅުން ވަނީ މި ހައްޔަރުކުރުންތަކުގެ ގާނޫނީ އަސާސާ މެދު ސުވާލު އުފައްދަވާފައެވެ. އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ގާނޫނުއަސާސީގެ 25 ވަނަ މާއްދާގެ ދަށުން، އަމިއްލަ ގޭގައި ނަމާދުކުރުމަކީ ދައުލަތުގެ ހުއްދަ ބޭނުންވާނެ ކަމެއް ނޫނެވެ.

އެ އިމާރާތުގައި ޖަމާއަތް ހަދައި ނަމާދުކުރީ މިސްކިތް ހުރިލެއް ދުރުކަމުން ފިނި މޫސުމުގައި މިސްކިތައް ދާން ދަތިވުމުން

އަވަށުގެ ބައެއް ރައްޔިތުން ކިޔައިދިން ގޮތުގައި، އެމީހުން އަމިއްލަ ގޭގައި ނަމާދުކުރަން ޖެހުނީ އެންމެ ކައިރީގައި ހުރި މިސްކިތް ގާތްގަނޑަކަށް 3 ކިލޯމީޓަރު ދުރުގައި ހުރުމުންނެވެ. މިހާރު އޮތް ފިނި މޫސުމުގައި ދޮށީ އުމުރުގެ މީހުންނަށް އެހާ ދުރަށް ދަތުރުކުރުން އުނދަގޫވުމުން، ފަސޭހައަކަށްޓަކައި ހަނީފް ނަމަކަށް ކިޔާ މީހެއްގެ ގޭގައި އެއްވީ ކަމަށް އެމީހުން ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކުރި 12 މީހުން މެޖިސްޓްރޭޓެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު، މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.