އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ހަމަޔާއި އިންސާފުގެ މަގުން ބޭރުވެ، ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ޙީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އިކްރާމް އަބްދުއްސައްތާރު އިންތިހާބު ބޮއިކޮޓްކުރައްވައި ނަން އަނބުރައި ނަންގަވައިފިއެވެ.

އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން ވެސް އިންތިޚާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

Ad
rt

އިކްރާމް ފާހަގަކުރެއްވި ގޮތުގައި، ތަކުރާރުކޮށް އެދުމުން ވެސް ވޯޓުފޮށި ބަހައްޓައިގެން ޕާޓީގެ ޢާއްމު މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ނުދިނުމަށް ޕާޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ވޯޓުލެވޭ މެންބަރުންގެ ލިސްޓު ބަލައި ވެރިފައިކުރުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ނުދޭން ޕާޓީގެ އިދާރާއިން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަނުކުރުމުގައި ވެސް އުސޫލުތަކާ ޚިލާފަށް، އިންތިޚާބަކާ ނުލައި އިދާރާގައި ތިއްބަވާ ބޭފުޅުން ބޭނުންވާ މީހުން މަޤާމުތަކަށް ހަމަޖައްސަމުންދާ ކަމަށް އިކްރާމް ތުހުމަތުކުރެއްވިއެވެ. "ހަމަޔާއި އިންސާފުގެ މަގުން ބޭރުވީމާ ދެން ޖެހޭނީ ދުރަށް ޖެހިލާށެވެ. އަޅުގަނޑަށް ތާއީދުކޮށްދެއްވާ އެހީތެރިކަން ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަބަދަކު ވެރިކަމުގައި ބަގުޑިބައްދައިގެން އެކަކަށް ވެސް ނުހުރެވޭނެއެވެ،" އިކްރާމް ވިދާޅުވިއެވެ.

މި އިންތިހާބުގައި އީ-ވޯޓިން ބޭނުންކުރަން ނިންމާފައިވާތީ، އެކަމުގެ ތެރެއިން މަކަރު ހަދާފާނެ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދިނުމަށް އިކްރާމްގެ ފަރާތުން މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގައި ވެސް އެދިފައެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީއާ އެހެން މީހަކު ކައިރިވުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށެވެ.

އެ ދުވަސްވަރު ޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އިންތިހާބުގެ އެންމެހާ ކަންކަން ކުރިއަށްދަނީ ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ޕާޓީގެ އެތެރޭގެ ގަވައިދުތައް މިހާރު ހުރި ގޮތުން، ވޯޓު ފޮށި ބަހައްޓައިގެން އިންތިހާބު ބޭއްވޭނެ މަގެއް ނެތް ކަމަށް ވެސް ޕާޓީން ބުނެފައިވެއެވެ.

އިކްރާމް ފާހަގަކުރެއްވި ގޮތުގައި، އިންތިހާބުގެ ކަންކަން ދެފުށް ފެންނަ އުސޫލަކުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިރުޝާދު ދީފައި އޮތް ނަމަވެސް، ޕާޓީން އެކަމަށް އެއްވެސް ބެލުމެއް ނެތި ހަރުކަށި ގޮތްތަކެއް ވަނީ ގެންގުޅެފައެވެ. އޭނާ ވިދާޅުވީ، މަޝްވަރާ ކުރުމެއް ނެތި އަދި އެކުވެރިކަމުގެ އުސޫލުތަކާ ހިލާފަށް، ބާރުގެ ބޭނުންކޮށްގެން އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވާތީ، އިންތިހާބުގައި ބައިވެރިނުވާން ނިންމެވީ ކަމަށެވެ.

ޕާޓީގެ އިދާރީ ފަރާތްތަކުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ކެންޑިޑޭޓުންގެ ލިސްޓުން އިކްރާމް ވަނީ އޭނާގެ ނަން އުނިކުރައްވަން އެދިފައެވެ. އިކްރާމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، މިހާރު އިސްލާމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މީގެ އިތުރުން، ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމުގެ އިތުރުން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.