އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފަހުން، ކުޑަކުދިންގެ އެކައުންޓްތަކުގެ ގޮތުގައި ފާހަގަކުރެވުނު ގާތްގަނޑަކަށް 4.7 މިލިއަން އެކައުންޓަކަށް ސޯޝަލް މީޑިއާ ކުންފުނިތަކުން ވަދެވޭ މަގު ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ.
"މިއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނި އެންމެންނާއި، ދުނިޔޭގެ އެންމެ ބާރުގަދަ އަދި މުއްސަނދި ކުންފުނިތަކާއި އެ ކުންފުނިތަކަށް ތާއީދުކުރާ ފަރާތްތަކާ އަޅުގަނޑުމެން ކުރިމަތިލައިފިން،" އޮސްޓްރޭލިއާގެ ކޮމިއުނިކޭޝަން މިނިސްޓަރު އަނީކާ ވެލްސް ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވެފަވެއެވެ.
"މިހާރު އޮސްޓްރޭލިއާގެ ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް އެކުދިންގެ ކުޑަކުދިކަން އަނބުރާ ލިބިދެވޭނެ ކަމުގެ އިތުބާރު އޮންނާނެ." އޭނާ އިތުރުކުރައްވާފައިވެއެވެ.
ސޯޝަލް މީޑިއާގެ 10 ޕްލެޓްފޯމަކުން އޮސްޓްރޭލިއާ ސަރުކާރަށް ހުށަހެޅި މި ހިސާބުތަކަކީ، އޮންލައިން މާހައުލުތަކުގެ ނުރައްކާތެރި އަސަރުތައް ޒުވާނުންނަށް ފޯރާފާނެތީ މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި މި ތާރީޚީ މަނާކުރުމުގެ ނަތީޖާ ފެނުނު ފުރަތަމަ ފަހަރެވެ. މި ގާނޫނުގެ ސަބަބުން ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަމިއްލަ މިނިވަންކަމާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އޮސްޓްރޭލިއާގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާއިރު، އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް މިހާރު ދަނީ ވިސްނަމުންނެވެ.
އޮސްޓްރޭލިއާގެ ގާނޫނުގެ ދަށުން ފޭސްބުކް، އިންސްޓަގްރާމް، ކިކް، ރެޑިޓް، ސްނެޕްޗެޓް، ތްރެޑްސް، ޓިކްޓޮކް، އެކްސް، ޔޫޓިއުބް އަދި ޓްވިޗް ފަދަ ޕްލެޓްފޯމްތަކުން 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުނިކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ، 49.5 މިލިއަން އޮސްޓްރޭލިއާ ޑޮލަރު (33.2 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ވަޓްސްއެޕް އަދި ފޭސްބުކް މެސެންޖާ ފަދަ މެސެޖިން ހިދުމަތްތައް މީގެ ތެރެއަކުން ނުހިމެނެއެވެ.
އުމުރު ކަށަވަރުކުރުމަށްޓަކައި، އައިޑެންޓިފިކޭޝަން ލިޔެކިޔުންތަކުގެ ކޮޕީއަށް އެދުމާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް މޫނު ބަލައިގެން އުމުރު އަންދާޒާކުރާ ޓެކްނޮލޮޖީ ބޭނުންކުރުން ނުވަތަ އެކައުންޓް ހުޅުވާފައި ހުރި މުއްދަތު ފަދަ މިހާރު ލިބެން ހުރި މައުލޫމާތުތަކުން އުމުރު ދެނެގަތުން ފަދަ ގޮތްތައް ޕްލެޓްފޯމްތަކަށް ބޭނުންކުރެވިދާނެއެވެ.
އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމަން ގްރާންޓް ވިދާޅުވި ގޮތުގައި، އޮސްޓްރޭލިއާގައި 8 އަހަރާއި 15 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 2.5 މިލިއަން ކުދިން އުޅެއެވެ. އަދި މީގެ ކުރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ 84 އިންސައްތަ ކުދިން ސޯޝަލް މީޑިއާ އެކައުންޓް ގެންގުޅެއެވެ. މި 10 ޕްލެޓްފޯމްގައި ޖުމްލަ ކިތައް އެކައުންޓް ހުރިކަން ނޭނގުނު ނަމަވެސް، 4.7 މިލިއަން އެކައުންޓް "އުވާލުން ނުވަތަ ހިފެހެއްޓުން" އެއީ ލިބުނު ބޮޑު ހިތްވަރެއް ކަމަށް އިންމަން ގްރާންޓް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ހުރަސްއަޅަނީ ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ ސޯޝަލް މީޑިއާ ކުންފުނިތަކަށް އަޅުގަނޑުމެންގެ ދަރިންނާ ހަމައަށް ވާސިލުވުމަށް،" އިންމަން ގްރާންޓް ވިދާޅުވިއެވެ.
މި މަނާކުރުމުގެ ދަށުން ހިމެނޭ އެންމެ ބޮޑު 10 ކުންފުނިން ވެސް ގާނޫނަށް ބޯލަނބާފައިވާ ކަމަށާއި، އުނިކުރި އެކައުންޓްތަކުގެ އަދަދުތައް ވަގުތުން ރެގިއުލޭޓަރަށް ރިޕޯޓްކޮށްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާ ކުންފުނިތަކުން ދެން މަސައްކަތް ކުރަންވާނީ ހަމައެކަނި މިހާރު ހުރި އެކައުންޓްތައް އުނިކުރުމުގެ ބަދަލުގައި، ކުދިން އާ އެކައުންޓް ހެދުން ނުވަތަ އެހެން ގޮތްގޮތުން މި ގަވާއިދުން ރެކެން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ.
އޮސްޓްރޭލިއާގެ އޮފިޝަލުން ވަކިވަކި ޕްލެޓްފޯމްތަކުން އުނިކުރި އަދަދުތަކެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގެ މާދަރީ ކުންފުނި މެޓާ އިން މި ހަފްތާގައި ބުނެފައިވަނީ، މި މަނާކުރުމަށް އަމަލުކުރަން ފެށިތާ އެއް ދުވަސް ތެރޭގައި 16 އަހަރުން ދަށުގެ ކަމަށް ބެލެވޭ ގާތްގަނޑަކަށް 550,000 އެކައުންޓް އުނިކޮށްފައިވާ ކަމަށެވެ.
2024 ވަނަ އަހަރު އޮސްޓްރޭލިއާގައި މި ފިޔަވަޅުތަކާ ބެހޭގޮތުން ބަހުސް ކުރަން ފެށި ފަހުން، އެހެން ގައުމުތަކުން ވެސް ދަނީ މި ނަމޫނާގައި ހިފުމަށް ވިސްނަމުންނެވެ. އޭގެ ތެރޭގައި ޑެންމާކްގެ ސަރުކާރު ވެސް ހިމެނެއެވެ. އެގައުމުން ނޮވެމްބަރު މަހު ބުނެފައިވަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ރާވާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!