ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ވޯޓުލުން ކުރިއަށްދަނީ
މި އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދެއެވެ. އެއީ ހއ. ދިއްދޫ، ފިއްލަދޫ، ހދ. ހަނިމާދޫ، ނެއްލައިދޫ އަދި ށ.ފޯކައިދޫގައެވެ.
ދިއްދޫގައި ޕްރައިމަރީ ބާއްވަނީ ކައުންސިލަށް ހޮވާ ދެ ފިރިހެން މެމްބަރުންގެ ޖާގައަށް ކެންޑިޑޭޓުން ކަނޑައެޅުމަށެވެ. މި ޖާގައަށް މުހައްމަދު ޒާހިރު، މުހައްމަދު ސަނޫން އަދި ފަތުހުﷲ މުހައްމަދު ވާދަކުރައްވައެވެ.
ފިއްލަދޫގައި ކައުންސިލް ރައީސް ކަމަށް އީސާ ހާރޫން، ޢަބުދުﷲ ނާސިހް އަދި ފަތުހުﷲ ހަސަން ވާދަކުރައްވާއިރު، ނެއްލައިދޫގައި އަންހެން މެމްބަރުގެ ޖާގައަށް ވާދަކުރަނީ އައިޝަތު ދިމްނާ އަދި ފާތިމަތު މަމްދޫދާ އެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ކަމަށް މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަނާއި މެމްބަރު އަލީ އިބްރާހީމް ވާދަކުރައްވައެވެ.
އެމްޑީޕީ ޕްރައިމަރީގައި ހދ. ހަނިމާދޫގައި މީހަކު ވޯޓުލަނީ، ފޮޓޯ: ތިލަދުން
ފޯކައިދޫގައި ގިނަ މަގާމުތަކަކަށް ވާދަކުރޭ
ފޯކައިދޫގައި ކައުންސިލް ރައީސް ކަމާއި، މެމްބަރު ކަމާއި އަދި ޑަބްލިޔުޑީސީ މެމްބަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލުން ކުރިއަށްދެއެވެ. ކައުންސިލް ރައީސް ކަމަށް މިހާރުގެ ރައީސް އަހްމަދު އާސިފްގެ އިތުރުން އަބުދުﷲ އުބައިދު، ހުސައިން ޝާހް އަދި އަހްމަދު އަންވަރު ވާދަކުރައްވައެވެ. މީގެ އިތުރުން ކައުންސިލްގެ ފިރިހެން ދެ މެމްބަރުކަމަށް މައުމޫން ރަޝީދު، މުހައްމަދު ސަލީމް އަދި މުހައްމަދު ރިމާޒް ވާދަކުރައްވައެވެ.
އިންތިޚާބުގެ މުހިންމު ތާރީޚުތައް
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފުރުޞަތު އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް 678 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުން ހިމެނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!