އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކުގެ ތެރެއިން، އިސްރަށްވެހިންގެ ނާދީގެ ބައިވެރިންނަށް ހާއްސަ ސެޝަންތަކެއް މާލެ އަދި ހުޅުމާލޭގައި ބާއްވައިފިއެވެ.
މިއީ މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުންކުރުމާއި، ޑިޖިޓަލް ޚިދުމަތްތަކާއި، އަދި އާންމު ދިރިއުޅުމަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ބޭނުންކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެއެވެ. އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ނުވިޔަ ނުދިނުމެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި އުނގެނުމުގެ ސްޕީޑަށް ރިއާޔަތްކޮށް، ފަހި މާހައުލެއްގައެވެ.
އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. މިއީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫއިން ދަނީ މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!