ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގައެވެ. ނަމަވެސް، މިރޭ އަލަށް ހުޅުވި މައި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވެލާގައެވެ.

އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މައި އޮފީސް ހިންގާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ކަމަށެވެ. އަދި މިރޭ ހުޅުވިގެން ދިޔައީ ވަރަށް ވެސް މުހިއްމު އިމާރާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އާދެ މި ޕާޓީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ހަރަކާތްތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ދުވެލި ހަލުވިވެ ބާރު ސްޕީޑުގައި ގެންދިއުމުގައި މިއަދު މިތަނުގައި މިރޭ އަޅުގަނޑުމެން މި ހުޅުވި މައި އޮފީސް އިރާދަކުރެއްވިއްޔާ ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރުކަމާއެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި" ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، ޕީއެންސީގެ މައި އޮފީސް އިމާރާތް ފުރިހަމަކޮށް ހަދައި، ޕާޓީގެ މެންބަރުންނަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލީގޮތުން މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.