ދިވެހިރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށެވެ. އަދި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކޮށްދެއްވާފައި ކަމަށެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައިވެސް ހާފިޒުން ދަސްވެނިވުމުގެ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
"މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ،" ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތުދަސްކުރަމުންދާ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!