މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ފުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ރަސްމީ ތާރީޚުގެ ކުރިން ޕޯޓަލް ހުޅުވާލުމުގެ މަޤްޞަދަކީ، ކެންޑިޑޭޓުންނަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށޭނެ ވަގުތު ދިނުމާއި، އިންތިޚާބަށް ތައްޔާރުވުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން my.elections.gov.mv ޕޯޓަލްއަށް ލޮގިންވާންޖެހޭނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލާ ފަރާތްތަކުން އެ ޕާޓީއެއް އިޚްތިޔާރުކުރުމުން، ކެންޑިޑޭޓު އެންޑޯޒްކުރުމަށް އެ ޕާޓީއަކަށް ރިކުއެސްޓެއް ދާނެއެވެ. ޕާޓީތަކުން މި ރިކުއެސްޓްތައް ޕްރޮސެސް ކުރާނީ ޚާއްޞަ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.

އަމިއްލަގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން، އެ ދާއިރާއަކުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންޖެހެއެވެ. ތާއީދު ހޯދުމުގެ މަރުޙަލާ ކުރިއަށްދާނީ ޑިޖިޓަލްކޮށެވެ. ކެންޑިޑޭޓުން ތާއީދުކުރާ މީހާގެ އައިޑީ ކާޑު ނަންބަރާއި ފޯނު ނަންބަރު ހުށަހެޅުމުން، އެ މީހަކަށް އެސްއެމްއެސްއެއް ލިބޭނެއެވެ. އެއަށްފަހު، އެ މީހަކު އަމިއްލަ އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ވަދެ ތާއީދު ދިނުމާމެދު ގޮތެއް ނިންމަންޖެހޭނެއެވެ. ނަމަވެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން މިގޮތަށް 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، މިހާރު ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް ސޭވް ކުރެވުނު ނަމަވެސް، ރަސްމީކޮށް ކޮމިޝަނަށް ފޯމު ހުށަހެޅޭނީ އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުން ކަމަށެވެ.