ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުމުގައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި ވަނީ އެ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް، އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައެވެ.
މިގޮތުން ކުޅުދުއްފުށީގެ "މަބުސްތާނުގެ" ކިޔާ ގޯތި ''ޑްރެސް'' ކިޔާ ގޯތީގެ ހުޅަނގަށް އޮތް ހުސްބިމަށް ބަދަލުކުރުމަށާއި، "އެވަރސްނޯ" ކިޔާ ގޯތި ''ސަނަމް'' އަދި ''ސަހޭލި'' ކިޔާ ގޯތި ދެމެދުން އޮތް ހުސްބިމަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން "ނިސާ" އާއި "ސީން" ކިޔާ ގޯތި ''މާބޮނޑި'' ކިޔާ ގޯތީގެ އިރުމައްޗަށް އޮތް ހުސްބިމަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ، ކުޅުދުއްފުށީ ސިޓީގެ ޢާންމު މައިޒާންތަކާއި ޕާކުތައް ކުނިކަހާ ބެލެހެއްޓުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފެސިލިޓީތަކުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތާއި، ކުޅުދުއްފުށީ އިރުމަތި ފަރާތުގެ ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އަދި ކުޅުދުއްފުށީ ހުޅަނގު ފަރާތުގެ ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ބީލަން އުޞޫލުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!