ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ.

ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ.

Ad
rt

ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އިތުރު ޑޮކްޓަރުންނާއެކު ހިދުމަތުގެ ފެންވަރަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް’’ ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފަވެއެވެ.

އެ މަރުކަޒުން ވަނީ، މިކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް ޝުކުރުއަދާކޮށްފައެވެ.

ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ވެސް ހަމަޖައްސައިދެއްވާފައެވެ. އަދި ފިޒިޝަނެއްގެ ހަމަޖައްސައިދީފައިވާއިރު، ވަރަށް އަވަހަށް ކުޑަކުދިންގެ ޑޮކްޓަރެއް ވެސް އެ މަރުކަޒަށް ހަމަޖައްސައިދެއްވާނެކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވައެވެ. މިއީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްވެސް މެއެވެ.

ރަށުގެ އާބާދީ ރަޖިސްޓަރީގައި 2300 އެއްހާ މީހުން އޮތް ނަމަވެސް ހަނިމާދޫ އަކީ އެކި ބޭނުންތަކުގައި ގިނަ ބަޔަކު ވަޒަންވެރިވެ ދިރިއުޅެމުން އަންނަ ރަށެކެވެ. އިތުރު ދެ ރަށެއްގެ މީހުން ހިޖުރަކޮށްފައިވާ މިރަށަކީ އިންޓަނޭޝަނަލް އެއާޕޯޓަކާއި، ސިޓީ ހޮޓަލަކާއި ގިނަ ގެސްޓްހައުސްތަކެއް ވެސް ހުންނަ ރަށެކެވެ.

ހަނިމާދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ތަނެކެވެ. އެރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.