މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ފުލުހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން 16,024 މީހަކު ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 997 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ބައްދަލުވުމުގައި ފުލުހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް މިހާތަނަށް ވަނީ ބަންދުކޮށްފައެވެ. އަދި "އޮޕަރޭޝަން އަލިމަގު" ފަދަ ހާއްސަ ހަރަކާތްތައް މެދުވެރިކޮށް މިފަދަ ނެޓްވޯކްތައް ރޫޅާލުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީންނާމެދު ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މިފަދަ މައްސަލަތަކުގައި ހިމެނޭ 137 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ތަހުގީގު ނިންމައި 335 މައްސަލައެއް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ފުލުހުން ހާމަކުރަށްވާފައިވާގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އަހަރުގެ މިހާތަނަށް ފަރުވާއަށް ބޭނުންވާ 301 މީހަކު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ވަނީ ހަވާލުކޮށްފައެވެ.