2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެމްޕެއިން ސްޕޯކްސްޕަރސަނަކަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސައި، އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން މިއަދު ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެ ޕާޓީގެ ސްޕޯކްސްޕަރސަނަކަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި ފިރުޒުލް ހަމަޖެއްސިކަން ޢިއުލާންކޮށްފައެވެ.
އެ ޕާޓީން ކުރިން ވަނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އެ ޕާޓީގެ ޕީޖީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ހަމަޖައްސާފައެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވި އިރު ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.
ފަލާހް ވިދާޅުވިގޮތުގައި އެ ޕާޓީން އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ޕްރައިމަރީ މި މަހުގެ 27 ވަނަ ދުވަހު ބާއްވާނެއެވެ.
މި ޕްރައިމަރީ ކުރިއަށް ދާނީ ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބިގެންދާނެ ގޮތަކަށް ކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!