ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްކުރުމަށާއި، އެރަށަށް އިތުރު ކުރަން ނިންމާފައިވާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު އެރަށަށް މިހާރު ދަތުރުކުރަމުން އަންނަކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

ދިއްދޫ އެއާޕޯޓު މަސައްކަތްކުރުމަށާއި، އިތުރު ކަންކަމަަށް ބޭނުންކުރަން ރަށަށް އިތުރުކުރާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު އެރަށަށް ދަތުރުކުރަމުން އަންނަކަމަށް މީސްމީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުން ލަތީފް ވިދާޅުވީ އެއީ ''ތެދެއް'' ކަމަށާއި، އަދި މަސައްކަތް ކުރަށްވަނީ ދިއްދޫ އަށް ތަރައްގީގެ އިންގިލާބެއް ގެނެސްދެއްވަންކަމަށެވެ.

Ad
rt

އެތަރައްގީ ދިއްދޫ އަށް ގެނެސްދެއްވާނީ ރައީސް ޑރ. މުޙައްމަދުގެ ޒަޢާމަތުގައިކަމަށާއި، އެ ހަގީގަތް ލަސްނުވެ ފެންނާނެކަމަށް ލަތީފް ވިދާޅުވިއެވެ.

އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބޭނުންވާ ސާމާނު ހިފައިގެން 15 ވަރަކަށް ދުވަހުގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ: ލަތީފް

''އަޅުގަނޑު ގާތު ރަށުގެ ޒުވާނުން މިކުރާ ސުވާލަކީ، ރަށުގެ އެކި އުމުރުގެ މީހުން މިކުރާ ސުވާލަކީ ހއ.ގެ ވެރިރަށް ދިއްދޫ މިދިޔަ ފަސް އަހަރު ތަރައްގީގައި ފަހަތަށް ދިޔަ ދިޔުން އަނބުރާ ގެނެވިދާނެތޯ، ދިއްދޫ އަކީ ހއ.ގެ ތަރައްގީގެ މައި ރަށުގެ ގޮތުގައި ދެމެހެއްޓިދާނެތޯ، ގެއްލުނުތަން އަނބުރާ ހޯދައިދެވިދާނެތޯ، ރައްޔިތުންނަށް އެ އިހްސާސް ކުރެވޭ، އަޅުގަނޑު މިދޭ ޔަގީންކަމަކީ ރައީސް މުޢިއްޒު އެތަން އަނބުރާ ދިއްދޫ ރައްޔިތުންނަށް ގެނެސްދެއްވާނެކަން، މިގެނެސްދެނީ ދިއްދޫ ތަރައްގީއަށް އިންގިލާބެއްކަން، މިއީ އެ އިންގިލާބުގެ ފެށުންކަން'' ލަތީފް އެއްވާމެއްގައި ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، މި ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖެއަށް މި ޑްރެޖަރު ފޯރާނެއެވެ. އަދި އެ ޑްރެޖަރު ދިއްދޫއަށް ގެންދެވުމާއެކު ލަހެއްނުވެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމުގައި ވިދާޅުވިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމަށް 111 ހެކްޓަރުގެ ބިމެއް އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.