ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން، ގެދޮރުވެރިކަން، މަސްވެރިކަން، އުމްރާނީ ތަރައްޤީ، ދަނޑުވެރިކަން، ފަތުރުވެރިކަން، އައިޓީ އަދި ވިޔަފާރި ދާއިރާ ހިމެނޭ ގޮތަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ޤައުމުންވެސް ފާހަގަކުރެއްވިއެވެ. މި ޕްރޮޖެކްޓްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޕްރޮޖެކްޓްތަކެއްކަން ފާހަގަކުރެވެއެވެ.
ޗައިނާގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ކުރިއަށް އޮތް ތަނުގައިވެސް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސަށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!