އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި އާދީއްތަ ދުވަހު ދެ ބަފައިން ވެގެން ބަޑީގެ ހަމަލާދިން ވަގުތު އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު އަލް އަހްމަދުގެ ގަޔަށް ވަޒަން އަރައި ލިބުނު އަނިޔާއަށް ހޮސްޕިޓަލްގައި ހެދި ސާޖަރީއަށްފަހު މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނައިރު، އިތުރު ދެތިން ސާޖަރީ އަދި ހަދަންޖެހިދާނެކަމަށް ޢާއިލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ މޭވާ ފިހާރައެއްގެ ވެރިއެއް ކަމަށްވާ، އުމުރުން 43 އަހަރުގެ އަހުމަދު ވަނީ ބޮންޑީ ބީޗުގައި ހިނގަމުންދިޔަ ޔަހޫދީ ދީނީ އެއްވުމުގެ ތެރެއަށް ބަޑިޖެހި މީހުންގެ ތެރެއިން އެކަކު (ހަމަލާދިން ދެބަފައިން ތެރެއިން ބައްޕަ) އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދީފައެވެ. އަހްމަދު ޒަޚަމްވީ ބަޑި އަތުލުމުން އެވަގުތު ބްރިޖް މަތީގައި ހުރި މީހާ (ހަމަލާދިން ދަރިފުޅު) ދިން ހަމަލާއިންނެވެ. އަހްމަދު ސަލާމަތްވީ އެވަގުތު އެތާ ހުރި ކަދުރުކެއްގެ ނިވަލަށްވަދެ ހިމާޔަތް ހޯދުމުންނެވެ.

Ad
rt

ސިޑްނީގެ ސެއިންޓް ޖޯޖް ހޮސްޕިޓަލުގައި ގައި މިހާރު އެޑްމިޓްކޮށްފައި އޮތް އަހްމަދު ވަނީ ލިބުނު ޒަޚަމްތަކާއި ގުޅިގެން ސާޖަރީއެއް ހަދާފައެވެ. ބަޑިޖެހި މީހާއާ ކުރިމަތިލުމަށްފަހު ބްރިޖުމަތީ ހުރި މީހާ ދިން ހަމަލާގެ ސަބަބުން އޭނާގެ އަތާއި އަތްތިލައަށް ވަޒަން އަރައި ވަނީ ޒަހަމްތަކެއް ލިބިފައިއެވެ.

އޭނާގެ މައިންބަފައިން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ކޮނޑަށް ހަތަރު ފަސް ވަޒަން ވަނީ އަރާފައެވެ. އަދި ހަށިގަނޑުގެ އެހެން ތަންތަނަށް ވެސް ވަޒަން އެރިކަމަށް ވަނީ ބުނެފައެވެ.

އަހްމަދު އެއްބަނޑު އެއްބަފާ ކޮއްކޮ ބުނީ އޭނާގެ ބޭބެ (އަހްމަދު)ގެ ފުރަތަމަ ސާޖަރީ ނިންމާފައިވާ ކަމަށެވެ. އަދި މެޑިކަލް އެސެސްމަންޓްތަކަށް ބަލާއިރު އިތުރު ދެތިން ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ.

އަހްމަދުގެ ކޮއްކޮ ފާހަގަކުރި ގޮތުގައި އަހްމަދު މިވަގުތު ވެސް އަންނަނީ ބޭސް ބޭނުން ކުރަމުންނެވެ. އަދި އަހްމަދަށް "ރަނގަޅަށް ވާހަކަ ނުދެއްކޭ" ކަމަށް ވެސް ވަނީ ބުނެފައެވެ.

އަޙްމަދަކީ ހިތްވަރުން ބަޠަލެއްގެ ގޮތުގައި ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު، އޭނާ ދެއްކި ހިތްވަރުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ.

އޮސްޓްރޭލިއާ ހަމަލާ: އެކަކު އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނީ މުސްލިމެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަށް ނިސްބަތްކުރަށްވައި، އަހްމަދަކީ ''ވަރަށް ވަރަށް ހިތްވަރުގަދަ'' މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޕްރިމިއާ، ސިޔާސީ ބޭފުޅެއްކަމަށްވާ ކްރިސް މިންސް ވެސް ފަދަ އެތައް ބަޔަކު ވަނީ އަހުމަދަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން ''ހަގީގީ ދިރިއުޅުމުގެ ބަޠަލެއް'' ކަމުގައި ސިފަކުރައްވާފައެވެ.

ކްރިސް މިންސް ވަނީ އަހުމަދު ގާތަށް ޒިޔާރަތްކުރެއްވުމަށްފަހު އޭނާގެ ހިތްވަރުގަދަކަން ފާހަގަކުރައްވާފައެވެ. ކްރިސް މިންސް ވިދާޅުވީ އަހުމަދަކީ ހަގީގީ ދިރިއުޅުމުގެ ބަޠަލެކެވެ.

''އޭނާގެ ގަބޫލުނުކުރެވޭފަދަ ހިތްވަރުގަދަކަމުން ޝައްކެއްވެސްނެތްގޮތުގައި، ޓެރަރިސްޓެއްގެ ހަތިޔާރު އަތުލުމުގައި ޖިސްމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވި، އޭނާއާއެކު ވަގުތު ހޭދަކޮށް މުޅި އެންއެސްޑަބްލިއުގެ މީހުންގެ ޝުކުރު ފޯރުކޮށްދިނުމަކީ ލިބުނު ޝަރަފެއް'' އޭނާ ވިދާޅުވެފަވެއެވެ.