ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ.

ކަސްޓަމްސްއިން މި ފައިސާ ހަވާލުކުރީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީގެ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާއެވެ. މި ފައިސާ ހަވާލުކުރުމުގެ މަޤްސަދަކީ ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad
rt

މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އިސްނެގުމާއެކު 37 މީޑިއާ ގުޅިގެން ލަންކާ އަށް އެހީ ހޯދުމަށް ވަނީ ހާއްސަ ޓެލެތޯންއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ''ސިލޯނާއެކު ދިވެހީން'' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ޖުމްލަ 8 ލައްކަ ޑޮލަރުގެ އެހީތެރިކަން ވަނީ ލިބިފައެވެ. މި އެހީތެރިކަން ފޯރުކޮށްދިނީ އާންމު ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، ކުލަބު ޖަމިއްޔާތައް އަދި މީޑިއާތަކުންނެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަންކާ އަށް މިފަހަރު ކުރިމަތިވި މޫސުމީ ކާރިސާގައި ގައުމަކުން މިހާތަނަށް އެންމެ ބޮޑު އެހީއެއް ދިން ގައުމަކީ ރާއްޖެއެވެ. ރާއްޖޭގެ މި އެހީތެރިކަން އެ ގައުމުގެ ރައްޔިތުން އަންނަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.

ސްރީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ އެއް ޤައުމެވެ.