ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅުވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށި ދުވަހުން ފެށިގެން މަސްވެރިކަމަކީ ދިވެހީންގެ ސަގާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ފަޚުރުވެރި މަސައްކަތެކެވެ. އަދި ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށްވުމުން، މަސްވެރިކަމަކީ ދިވެހި ޤައުމަށް ވަރަށް މުހިންމު ދާއިރާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ… pic.twitter.com/DsadYtr2VJ
— Dr Mohamed Muizzu (@MMuizzu) December 10, 2025
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މި މަޤްޞަދުތަކުގެ ތެރޭގައި މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކޮށް، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކުރުން ހިމެނެއެވެ.
އެމަނިކުފާނު ވަނީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު މަޤްޞަދެއް ކަމުގައި ވެސް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!