ދިވެހިރާއްޖެ ކުރިއަށްދާނީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

މި މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް އަހަންމިއްޔަތުކަން ދޭ ޤައުމެއްގެ ގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮރަޕްޝަނަކީ ޤާނޫނުގެ ވެރިކަން ފުނޑުފުނޑުކޮށް، ތަރައްޤީއަށް ހުރަސްއަޅައި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަންނަ ނުރައްކާތެރި ކަމެކެވެ. ރާއްޖެއިން 2007 ވަނަ އަހަރު އ.ދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގައި ބައިވެރިވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު 'މޯލްޑިވްސް 2.0' އާއި، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގެ މަސައްކަތްތައް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް، ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމާއި، 'ހިންމި' ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން، މި މަސައްކަތުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮރަޕްޝަން ނައްތާލުމަށްޓަކައި ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.