ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް އެހީވުމުގެ ގޮތުން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެއްވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވއިޢުލާން ކުރައްވައިފިއެވެ.
ރައީސް ޝީ މި އެހީގެ އިޢުލާން ކުރެއްވީ، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިންނެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ބެއިޖިންގްގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޝީ ވިދާޅުވީ، ޣައްޒާގެ އިންސާނީ ކާރިސާގެ ނުރައްކާތެރިކަން ކުޑަކޮށް، އެ ސަރަޙައްދު އަލުން ބިނާކުރުމަށް އެހީވުމުގެ ގޮތުން ޗައިނާއިން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ޝީ އިތުރަށް ވިދާޅުވީ، މިއަދުގެ ދުނިޔެއަކީ "އަމާންކަން ލިބިފައިވާ ތަނެއް ނޫން" ކަމަށާއި، ބައިނަލްއަޤްވާމީ ސިޔާސީ މައްސަލަތަކާއި ހަނގުރާމަތައް އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ކަމަށެވެ.
"ފަލަސްތީނުގެ މައްސަލައަށް އަވަސް މުއްދަތެއްގައި، ފުރިހަމަ، އިންސާފުވެރި އަދި ދެމިގެންދާނެ ޙައްލެއް ހޯދުމަށް ޗައިނާއާއި ފްރާންސް ގުޅިގެން މަސައްކަތް ކުރާނެ" ޝީ ވިދާޅުވެފަވެއެވެ.
ރައީސް ޝީގެ މި އިޢުލާނާ ގުޅޭގޮތުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ހުކުރު ދުވަހު ވިދާޅުވީ، މި އެހީ ބޭނުންކުރާނީ ހަނގުރާމައަށް ފަހު އަލުން ބިނާކުރުމަށާއި، ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ ތަކުލީފު ކުޑަކުރުމަށް ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤު ޤައުމީ ޙައްޤުތައް އަނބުރާ ހޯދުމުގެ ޢަދުލުވެރި މަސައްކަތަށް ޗައިނާއިން ވަރުގަދައަށް ތާއީދުކުރެއެވެ. އަދި ދެ ދައުލަތުގެ ޙައްލުގެ އުޞޫލުގެ މައްޗަށް ބިނާކޮށް، ޣައްޒާގައި ފުރިހަމަ އަދި ދެމިގެންދާނެ ހަނގުރާމަ ހުއްޓާލުމަކަށް، އަދި އެ ސަރަޙައްދުގެ އިންސާނީ ހާލަތު ރަނގަޅުކޮށް، ފަލަސްތީނުގެ މައްސަލައަށް އަވަސް ސިޔާސީ ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ޗައިނާއިން މަސައްކަތް ކުރަމުން ގެންދާނެ" ލިން ބެއިޖިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަވެއެވެ.
ޔޫކްރޭންގެ ކާރިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޝީ މެކްރޯންއަށް ވިދާޅުވީ، ސުލްޙައަށް މަގުފަހިކުރާ ހުރިހާ މަސައްކަތަކަށް ޗައިނާއިން ތާއީދުކުރާ" ކަމަށެވެ. އަދި މި މައްސަލައިގައި ހުރިހާ ފަރާތްތަކުން ޤަބޫލުކުރާ، އިންސާފުވެރި، ދެމިގެންދާނެ އަދި ޤާނޫނީ ބާރު ލިބިގެންވާ ސުލްޙައިގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުމާއި މަޝްވަރާގެ މަގުން ވާސިލުވުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.
"މި ކާރިސާގެ ސިޔާސީ ޙައްލެއް ހޯދުމުގައި ޗައިނާއިން ބިނާކުރަނިވި ދައުރެއް އަދާކުރަމުން ގެންދާނެ، އެހެން ނަމަވެސް، އެހެން ފަރާތްތަކަށް ބަދުނާމުކޮށް ނުވަތަ ކުށް ދެއްކުމަށް ކުރާ އެއްވެސް އިތުރު މަސައްކަތަކާ ޗައިނާއިން ދެކޮޅު ހަދާނެ" ރައީސް ޝީ ވިދާޅުވެފަވެއެވެ.
މެކްރޯންގެ ބެއިޖިންގް ބައްދަލުވުންތަކަށް ފަހު، ޗައިނާގެ އަދި ފްރާންސްގެ ލީޑަރުން ވަނީ ސިޗުއާން ޕްރޮވިންސްގެ ހުޅަނގު ދެކުނުގައި އޮންނަ ޗެންގްޑޫއަށް ދަތުރުކުރައްވައި، ހުކުރު ދުވަހު އެއްވެސް ރަސްމިއްޔާތެއް ނެތި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!