18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަށް ހާޓްއެޓޭކެއްޖެހި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ފަރުވާދެމުން އެބަދެއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަން ވެސް ކުރަށްވާފައިވާ މުހައްމާގެ ގާތް އެކުވެރިއަކު ''ތިލަދުން'' އަށް ބުނީ، މުހައްމާއަށް ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔައީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ބުނިގޮތުގައި މުހައްމާ ވަނީ މިހާރު ސާޖަރީއެއް ވެސް ހަދާފައެވެ. މެންދުރު ކުރިން ގާތްގަނޑަކަށް 11 ޖަހާކަށްހާއިރު މި ސާޖަރީ ނިމިފައިވާކަމަށާއި އަދި މުހައްމާގެ ހާލު ސްޓޭބަލްވަމުން އަންނަކަމަށް އޭނާ ބުންޏެވެ.
މުހައްމާއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއް ގޮތުގައި 18 ވަނަ މަޖިލިސްއަށް އިންތިޚާބުވި މެންބަރެކެވެ. މަގާމުގެ ހުވާކުރެއްވިތާ ތިންމަހެއްހާ ދުވަސްތެރޭ އޭނާ ވަނީ އޭރު ވެެރިކަން ކުރަމުންދިޔަ ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ. ރައީސް ޔާމީންގެ ސަރުކާރު ދުވަސްވަރު އޭރުގެ މަޖިލިސް ރައީސް މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއި ކުރުމުން ފިޔަވުއަޅައި، މުހައްމާ ޕީޕީއެމްއިން ވަކިކުރިއެވެ.
އެއާއިއެކު އޭރުއޮތް އިދިކޮޅު ހަރަކާތާއިގުޅޭ މެންބަރުން ގޮނޑި ގެއްލުވާލަން، އެ މެންބަރުންނަށް އަމާޒުކޮށް މަޖިލިސްއިން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގެ ބޭނުންކޮށްގެން ގޮނޑި ގެއްލުވާލި 12 މެންބަރުންތެރޭ މުހައްމާ ވެސް ހިމެނި ވަޑައިގަންނަވައެވެ. ގޮނޑި ގެއްލުވާލުމުގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަހު މަޖިލިސް މެންބަރެއްގެ އިނާޔަތްތަކާއި، މުސާރައިން މަޚްރޫމްވެ، ދާއިރާ ތަމްސީލްކުރުމުގެ ފުރުޞަޠު ބަންދުވެފައި ގިނަ ގޮނޑި ގެއްލުވާލި އެހެން މެންބަރުންނެކޭ އެއްގޮތަށް އަހަރަކަށްވުރެ ދުވަހު މުހައްމާ ހުންނެވިއެވެ. އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު އައިތާ ފުރަތަ މަހުގެ ތެރޭގައެވެ.
ޕީޕީއެމްއިން ވަކިކުރުމުން މުހައްމާ ގުޅިވަޑައިގަތީ އޭރު އިދިކޮޅުގައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއެވެ. މުހައްމާ 19 ވަނަ މަޖިލިސް އިންތިޚާބުގައި ވެސް އިހަވަންދޫ ދާއިރާއަށް ވާދަ ކުރެއްވިއެވެ.
ފަހުން 29 ޖުލައި 2021 ވަަނަ ދުވަހު އޭނާ ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. އަދި ފަހުން ވަނީ ޕީއެންސީއާއި ގުޅިވަޑައިގެން ޕީއެންސީގެ ސެނެޓަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.
މުހައްމާ އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ހުނަަރުވެރި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!