ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިން އިންތިޒާމްކުރި 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތައް މެދުވެރިކޮށް އަމިއްލަ ފައިނޭންސް ހޯދުން އަވަސްކުރުމެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިކުރާ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށް ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވައި، އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ބައެއް ހުށަހެޅުންތައް ވެސް ހުށަހަޅުއްވާފައިވެއެވެ.

މި ބައްދަލުވުމަކީ ރަސްގެފާނު ޗާލްސް ތިންވަނަގެ ދަޢުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިއީ މޫސުމީ ބަދަލުތަކަށް އިންސާފުވެރި، ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ޤައުމުތަކަށް އޭގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުލުމުގެ މުހިންމު ފުރުޞަތެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މިފަދަ ހައި-ލެވެލް ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުތަކުގެ ތަރައްޤީގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމިއްލަ ފައިނޭންސްގެ ބައިވެރިވުން އިތުރުކުރުމަކީ މި ބައްދަލުވުމުގެ މުހިންމު ނަތީޖާއެކެވެ.