އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އެޑްސް ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަލި ނައްތާލުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، "އެއިޑްސްއާ ކުރިމަތިލުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް، އެކަމަށް އާ ބަދަލެއް ގެނައުން" މި ޝިޢާރުގެ ދަށުން، އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއްކަން އަލުން ބަޔާންކުރައްވާ ކަމަށެވެ.
މި އަހަރު، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޑަބްލިޔު.އެޗް.އޯ.ގެ 'ޓްރިޕަލް އެލިމިނޭޝަން' ނުވަތަ މަންމަގެ ފަރާތުން ކުއްޖާއަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވުމުގެ ކާމިޔާބީ ހާސިލުކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ކާމިޔާބީން ދައްކުވައިދެނީ އާންމު ސިއްހީ ހިދުމަތްތަކާއި އެންމެންނަށް ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރާއްޖެއިން ވެފައިވާ ވައުދެވެ.
ރައީސް ވިދާޅުވީ، މި ކުރިއެރުން ހާސިލުވީ ބައިނަލްއަޤްވާމީ ގުޅުންތަކާއި، އެކުވެރިކަމާއި، މައުލޫމާތު ބަދަލުކުރުމާއި، އެންމެން ގުޅިގެން ކުރި އީޖާދީ މަސައްކަތުގެ ސަބަބުން ކަމަށެވެ. މިއީ ދުނިޔޭގެ ސިއްހީ ގޮންޖެހުންތައް ހައްލުކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ.
2030 ވަނަ އަހަރަށް ބަލާއިރު، އެއިޑްސް ނައްތާލުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ފަރުވާ ހޯދުމުގެ ހަމަހަމަ ފުރުސަތު ކަށަވަރުކުރުމަށާއި، ބިރުވެރިކަން ނައްތާލުމަށާއި، ކޮންމެ ފަރުދެއްގެ ކަރާމަތަށް އިހުތިރާމް ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރަން ޖެހޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!