ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ މަޤްސަދަކީ ދެ ޤައުމުގެ ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކުރުމެވެ.

Ad
rt

ތައިލެންޑްގެ ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ޕަތުޕޮންގު ޕޮންގުސަކުލްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤު ހިމެނޭހެން ރާއްޖޭގެ ވަފުދަކުން ބައިވެރިވެވަޑައިގެންފައިވާއިރު، ތައިލެންޑުގެ ވަފުދުގައި އެގައުމުގެ ޚާރިޖީ ވުޒާރާގެ ބޭފުޅުންނާއި، ޑިޕާޓްމަންޓު އޮފް ފިޒިކަލް އެޑިއޭޝަންގެ އިސްފަރާތްތަކުގެ އިތުރުން، ނެޝަނަލް ސްޕޯޓްސް ޔުނިވަރސިޓީ އަދި ކުޅިވަރު އޮތޯރިޓީގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، މީހުން ތަމްރީނުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކުޅިވަރުގެ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ކުޅިވަރުގެ ތަމްރީނާއި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކުޅިވަރުގެ ވަސީލަތްތަކާއި ފެސިލިޓީތައް ތަރައްޤީކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރާއްޖެ އާއި ތައިލެންޑް ސަރުކާރާ ދެމެދު ކުޅިވަރު ދާއިރާއިން ޚިޔާލާއި މަޝްވަރާތައް ބަދަލުކުރެވުނެވެ. ތައިލެންޑްގެ ފަތުރުވެރިކަމާއި ކުޅިވަރާއި ބެހޭ ވަޒީރު ވަނީ ކުރިއަށް އޮތް 33 ވަނަ ސީ ގޭމްސް އަދި 13 ވަނަ އާސިއާން ޕެރަ ގޭމްސް އެގައުމުގައި ބާއްވާނެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަން (އާސިއާން)ގައި ހިމެނޭ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރިކަން އާލާކުރުންކަމަށެވެ.

ތައިލެންޑްގެ ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއާއި ތައިލެންޑާއި ދެމެދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ކުޅިވަރުގެ ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.