ވިލިމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް، އެ ރަށުގައި ކުޅިވަރުގެ ބޮޑެތި ދެ މަޝްރޫޢެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ދެ މަޝްރޫޢަކީ ވިލިމާލޭގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، މިހާރުގެ ފުޓްބޯޅަ ދަނޑު ފީފާ ފެންވަރަށް ތަރައްގީކޮށްދެއްވުމެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރެވޭނެ އަހަރެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަންނަ އަހަރު ކުޅިވަރުގެ ދާއިރާއިން އަތޮޅުތެރެއެކޭ އެއްގޮތަށް މާލޭގައިވެސް ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދެވޭނެ." ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ކުޅިވަރުގެ ވަސީލަތްތައް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢިއުލާންކުރަށްވާފައެވެ.
މިގޮތުން މިރޭ ވިލިމާލޭ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރަށްވާފައިވާއިރު، ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅުވައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާނެކަމަށް ވިދާޅުވެފައެވެ. ރައީސް މީގެ ކުރީން ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!