މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ މައްސަލަތަކެއް ފަހަކަށް އައިސް އިތުރުވެއްޖެއެވެ.

އެގޮތުން، މިއަދު ހެނދުނު މާލޭގައި ހުންނަ ޠަޢިބާ މިސްކިތުގެ ތިރީބައިގެ ކުޑަދޮރުގެ ބިއްލޫރިތައް ވަނީ ތަޅާލާފައެވެ. މީގެ އިތުރުން، އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިސްކިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

Ad
rt

ޠަޢިބާ މިސްކިތުގެ ކުޑަދޮރުތައް ތަޅާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. ފުލުހުން އަދި އެކަން ކަށަވަރުކޮށެއް ނުދެއެވެ.

ނަމަވެސް، މިސްކިތަށް ގެއްލުން ދިން މީހާ އެތަނުން ހައްޔަރުކުރިކަމުގެ މައުލޫމާތު ހިއްސާކުރަމުން އަޙްމަދު މުނަވައްވަރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އެކަންކުރި މީހާ އެތަނުން ހައްޔަރު ކުރެވުނު. ބޯހަމަޖެހޭ ސޮރެއްތޯ ބަލާނީ ދޯ. ޢާންމުކޮށް މިކަހަލަ ކަންކަން ކުރާ މީހުން ބޯހަމަނުޖެހެޔޭ ކިޔާތީ އިވޭ" މުނަވައްވަރުގެ ޕޯސްޓުގައިވެއެވެ.

އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރުޤު މިސްކިތަށް ވެސް ވަނީ ގެއްލުން ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތުގެ ތެރޭގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލާފައި ހުރިއިރު، ފަންކާއަށް ގެއްލުން ދީ ހަލާކުކޮށްލާފައިވެއެވެ. އަދި ކަރަންޓު ބޯޑަށް ވެސް ބައެއް ގެއްލުންތައް ދީފައިވާ ކަމަށް ވަނީ ބެލެވިފައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 17:40 ގައެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެން، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޝަހީމް ވިދާޅުވީ، މި މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް، ހިތަދޫ މިސްކިތަށް ގެއްލުން ދިނީ ކޮން ބައެއްކަން މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތައް ފެންމަތިވަމުން އާދެއެވެ. މިސްކިތްތަކަށް ކުޑަކަމުދިއުމާއި މިސްކިތުގެ ތެރޭގައި މާރާމާތީ ހިންގުންމާއި މިސްކިތުން ވައްކަންކޮށް ބައެއް ސާމާނުތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ފާހަގަކުރެވެއެވެ.