ސްރީލަންކާގެ ނޭވީން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ސްރީލަންކާގެ ނޭވީން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރި ބޯޓެއް އަތުލައިގަނެ ހަ މީހުން ހައްޔަރުކޮށްފައެވެ.
މި ބޯޓަކީ ރާއްޖެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއްކަމަށް އަޑުފެތުރޭތީ ފުލުހުން މިއަދު ބުނީ ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ، 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ކަށަވަރު ކޮށްދީފައެވެ.
ސްރީލަންކަގެ ނޭވީން ބުނެފައިވާގޮތުގައި އެ ގައުމުގެ ކަނޑުގެ ހުޅަނގު ސަރަހައްދުގައި ސްރީލަންކާ ނޭވީން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި އުފުލަން ބޭނުންކުރާކަމަށް ބެލެވޭ ލޯކަލް މަލްޓި-ޑޭ ފިޝިންގ ޓްރޯލަރަކާއެކު 6 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މަސްތުވާތަކެތި އަޅާފައިވާ ޓްރޯލަރާއި ޝައްކުކުރެވޭ ފަރާތްތައް 2 ނޮވެމްބަރ 2025 ދުވަހު ހެނދުނު ޑިކޮވިޓާ ފިޝަރީޒް ހާބަރަށް ގެންގޮސްފައިވާކަމަށް ވެސް ނޭވީން ބުންޏެވެ.
ޑިކޮވިޓާ ފިޝަރީޒް ހާބަރުގައި ޕޮލިސް ނާކޮޓިކްސް ބިިއުރޯ (ޕީއެންބީ) އިން ކުރި ޚާއްޞަ ތަޙުޤީޤަކަށްފަހު ބުނެފައި ވަނީ ނޭވީން އަތުލައިގަތް މަސްތުވާތަކެތީގައި 250 ކިލޯއަށްވުރެ ގިނަ މެތަމްފެޓަމައިން (އައިސް) އަދި 85 ކިލޯއަށްވުރެ ގިނަ ހެރޮއިން ހިމެނޭކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތި ޑިކޮވިޓާއަށް ގެންދިޔުމާއެކު އެ ގައުމުގެ ދިފާޢީ ވުޒާރާގެ ނައިބު ވަޒީރު، މޭޖަރ ޖެނެރަލް އަރުނާ ޖަޔަސޭކަރާ (ރިޓަޔަރޑް) އަދި ނޭވީގެ ކޮމާންޑަރު، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޯޑާ، މި މަސްތުވާތަކެތި ބަލައި ފާސްކޮށްފައިވެއެވެ.
"އެއް ޤައުމެއް އެކުގައި" ޤައުމީ މިޝަނާއެކު، ސްރީލަންކާ ނޭވީން ސްރީލަންކާ ކޯސްޓްގާޑް، ހަތިޔާރުއެޅި ބާރުތައް، ފުލުހުން، ޕީއެންބީ އަދި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން، ސަރުކާރުގެ "މަސްތުވާތަކެއްޗަށް ހުއްޓުމެއް ގެނައުން - ދުޅަހެޔޮ ރައްޔިތުންގެ ދިރިއުޅުން" ގެ ވިޝަން ހާސިލުކުރުމަށްޓަކައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރަކާތްތައް ވަނީ ހަރުދަނާކޮށްފައެވެ.
އިތުބާރުހުރި މަޢުލޫމާތަކަށް ބިނާކޮށް، ނޭވީގެ އޮފްޝޯ ޕެޓްރޯލް އުޅަނދެއް ވަނީ ހުޅަނގު ސަރަހައްދުގައި 16 ކޮތަޅު މަސްތުވާތަކެތި އުފުލަމުންދިޔަ މި ލޯކަލް މަލްޓި-ޑޭ ފިޝިންގ ޓްރޯލަރު ހުއްޓުވުމަށް ފޮނުވާފައިަކަމަށް ލަންކާގެ ނޭވީން ބުންޏެވެ.
މި ޙާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން، ދިފާޢީ ވުޒާރާގެ ނައިބު މޭޖަރ ޖެނެރަލް އަރުނާ ޖަޔަސޭކަރާ (ރިޓަޔަރޑް) ވިދާޅުވީ ލަންކާ ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ވިލަރެސްކޮށްގެން ހިންގާ ރޭޑްތަކާއެކު ހަރުދަނާކުރަމުންދާ ކަމަށެވެ. "އެއް ޤައުމެއް އެކުގައި" ޤައުމީ މިޝަން ހަނދާންކޮށްދެއްވަމުން، އޭނާ ވަނީ މަސްތުވާތަކެތި ވިޔަފާރިކުރާ ފަރާތްތަކަށް އިންޒާރުދެއްވައި، އެފަރާތްތަކުގެ ޙަރަކާތްތައް ހުއްޓާލުމަށް ނުވަތަ ދެން ކުރިއަށްދާ ޙަމަލާތަކުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!