ބޯޓެއްގެ މައްސަލާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ކައިޒީން އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައިޒީން ދީގެން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާތީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށް އެދި އެވެ.
އެ މައްސަލާގައި މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމާފައިވަނީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ, އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ އެ މައްސަލާގައި ކައިޒީންގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވީ ނަމަވެސް އެ މައްސަލައަކީ އޭނާއަށް ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
މީގެކުރިން ވެސް އެ މައްސަލާގައި ސިވިލް ކޯޓުން ނިންމި ނިންމުމެއް ހައި ކޯޓުން ބާތިލްކުރި އެވެ. އެއީ ކައިޒީންގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމް ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!