ފެބުރުއަރީ މަހުގެ 15 ދުވަހު "ލީކްސް" ޓުވީޓަރ އެކައުންޓުން ސަރުކާރުގެ ވަޒީރަކާއި ނިކަން ވައްތަރު އަޑެއްގެ މީހެއްގެ އަޑު ހިމެނޭ އާންމުން ސިއްސުވާލި އޯޑިއޯތަކުގެ އަޑު ކެނޑުނީ ސިޔާސީ ބުރަދަން ހުރި މީހަކަށް އެކަން އެއްވެސް ކަމަކަށް ނުވާހެން ހީވާ ކަހަލަ ގޮތަކަށެވެ. އެޔަށްވުރެ މަޖިލިސް ތެރެއިން " އައު ސީޕްލޭން ޓަރމިނަލްގެ"ގެ އަޑު ގަދަވުމުން މީޑިއާއިންވެސް ލީކުތައް އޮބުނީއެވެ.
އިއްޔެ މި ތިލަވީ އިތުރަށް ލީކުތަކަށް ފަސް އެޅުނު ޚަބަރެއްކަމުން ލީކުތަކުގެ ވާހަކަ މަޑުޖައްސާލާފައި، މިވީ ގޮތަކާއިމެދު ވިސްނުންހިންގާލަން ޖެހުނީއެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ޔޫތް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ޢިއުލާން ކުރެއްވި ހަމައިން މިވާހަކަ ފަށާނަމެވެ.
ކެނެޑާ އަށް އުފަން ޑރ. ބިލާލް، މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވާފައިވެއެވެ. އެއީ އެފަދަ ޢިއިލްމް ވެރިއަކު ޒިޔާރަތް ކުރުމަށް މަދު އަދަދެއް ނޫނެވެ. އެޒިޔާރަތް ތަކުގައި ޑރ.ބިލާލްވަނީ ދަރުސްތަކެއް ދެއްވާފައި، އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައެވެ.
ބިލާލް ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ ޖަމިއްޔަތުއް ސަލަފުގެ ފަރާތުން 2009 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވީ މިހާރު އެކަމާއި ދެކޮޅު ހައްދަވާ އެއްބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
މިވާހަކަ ކުރިއަށް ގެންދާއިރު ޑރ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ނިންމައި ބައެއް ގައުމުތަކަށް އޭނާ އެތެރެވުން މަނާ ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލާނަމެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.
ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށްޓަކައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިމުމުން އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދެވީ އެ ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ. މިނިސްޓަރު މަހުލޫފް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އިސް ބޭފުޅުންތައް ޑރ. ބިލާލް ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ދެކޮޅު ހައްދަވަން ފެއްޓެވުމުން މިނިސްޓަރުގެ ނިންމުން ބަދަލުކުރައްވައި އެކަން މަޑު ޖައްސައިލެއްވިއެވެ.
ޔޫތުމިނިސްޓަރ އަޙަމަދު މަޙުލޫފު އެކަން އިޢުލާންކުރެއްވުމާއި ގުޅިގެން ދެކޮޅު ހެއްދެވި އެމްޑީޕީގެ އިސްބޭފުޅުން ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ހިމެނި ވަޑައިގަންނަވައެވެ.
އެހެން ސިޔާސީ ޕާޓީއެއްގެ މާ އާރުލާ މާގިނަ ބޭފުޅުންނަށް އެމަޢުލޫއަށް ވަޑައިގެން އެއްޗެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ. ޑރ. ބިލާލު ރާއްޖެ ގެނައުމާއި އެއްކޮޅަށް ވާހަކަ ދެއްކެވީ ބައެއް ޢިލްމު ވެރިންނެވެ. އޭގެ ތެރޭގައި ޑރ. ޝަހީމާއި، ޑރ. އިޔާޒާއި، ސެއިޚް އިލްޔާސާއި އަދި ސޭޚް ޒައިދު ފަދަ މަދު ބޭފުޅުން ހިމެނި ވަޑައިގަތެވެ.
ދެން ތިބީ އާންމުންނެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑު ޖައްސާލުމަށް ސަރުކާރުން ނިންމުމުން އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވިކަން މީސް މީޑިއާއަށް ފިނާލުމުން ފެންނަން އެބައޮތެވެ.
ޑރ. ބިލާލު ގެނައުމަށް ދެކޮޅު ހަދާ މީހުން ބިލާލަކީ ހަރުކަށި ފިކުރު ފަތުރުއްވާ ބޭފުޅެއް ތުހުމަތުކޮށް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނުމާ ބެހޭ ގޮތުން އޭނާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކެކެވެ. އަމިއްލަ އަށް މަރުވެގެން ހަމަލާދޭ މީހުން އެކަން ކުރަނީ އަސްކަރީ ގޮތުން އެ ވިސްނުމުގައި ކަމަށާއި އެކަން ކުރަންޖެހެނީ ދުޝްމިނުންގެ އަތުގައި މާ ވަރުގަދަ ހަތިޔާރު ހުރުމުން އެ ހަތިޔާރުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް ދޭހަވާ ގޮތަށް ބިލާލް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރެ އެވެ.
ފާޑުކިޔާ މީހުން ބުނާގޮތުގައި ބިލާލް ގެނައުމަށް އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު ހަދަމުން ދަނީ ދީނީ ދަރުސް ރާއްޖޭގައި ދިނުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އެ މީހުން ބުނެ އެވެ.
މޮޅުވި ސަބަބަކާއި ކޮޅެއް ނިންމާނީ ކިޔުން ތެރިންނެވެ. މިހާހިސާބުން ދޫކޮށްލާނީ ކިޔުންތެރިންގެ ބަހުސަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!