މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކްއަށް ޕޭޕަލް މެދުވެރިކޮށް އިންވާޑް ރެމިޓަންސް ލިބުމުގެ ލައިސަންސް ދީފިއެވެ.

މި ލައިސަންސްގެ ދަށުން އެމް-ފައިސާ ވޮލެޓަށް ފަސޭހަކަމާއެކު ފައިސާ ޓްރާންސްފަރ ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

Ad
rt

އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއާ ލައިސަންސް ހަވާލުކޮށްފައެވެ.

މި ލައިސަންސްގެ ދަށުން ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި އެމްފައިސާ ވޮލެޓަށް ސީދާ ފައިސާ ލިބުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

"މި ލައިސަންސްގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫއިން ދޭ އަހްމިއްޔަތަށް އިތުރު ބާރެއް ލިބިގެންދާނެ،"

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އެމްފައިސާގެ ޚިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފަރގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ހިމެނެއެވެ.

މި ޚިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫއިން އިތުރު ދައުރެއް އަދާކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.