ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ 45،000 ޓަނުގެ ޑްރެޖަރަކުން ކަމަށެވެ. އަދި މި މަސައްކަތް ގިނަވެގެން ތިން ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމް.އޭ.ސީ.އެލްއިން ވަނީ ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާއެކު އެގްރީމެންޓް ކުރެވިފައެވެ. މި މަހު ނިމޭއިރު 11،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ އައިސް، އެ ޑްރެޖަރުން ތ. ވިލުފުށީގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
"މި އަންނަ މަހުގެ މެދަކާ ހިސާބުން، 15 ހިސާބުގައި، ނޫނީވިއްޔާ ތިންވަނަ ހަފުތާ ތެރޭގައި، 45،000 ޓަނުގެ ކޮޕަރ ޑްރެޖަރެއް އަންނާނެ. އެ ޑްރެޖަރު އައިސް، އެ ޑްރެޖަރުން މަސައްކަތް ފަށާނީ ރަސްމާލޭގައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
''ދެން އަންނަ ތިންވަނަ ޑްރެޖަރު، ޑިސެންބަރު މަހުގެ ދެވަނަ ހަފުތާ ހިސާބުގައި އަންނާނެ. އެވެސް 45,000 ޓަނުގެ ޑްރެޖަރެއް. އެ ޑްރެޖަރު ދާނީ ފުރަތަމަ، ހއ. ދިއްދޫގެ އެއަރޕޯޓުގެ ބިންހިއްކަން. ގާތްގަނޑަކަށް ދެ ހަފުތާއެއް ތެރޭގައި ހިއްކައި ނިމޭނެ، ނޫނީވިއްޔާ ގިނަވެގެން ތިން ހަފުތާ ތެރޭގައި އެތަން ހިއްކައި ނިންމާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ދިއްދޫއަށް ދެން އަންނާނީ މިރަށު އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި: ރައީސް
މީގެއިތުރުން، މާލެ ސަރަހައްދުގައި ހުރި ހުޅުމާލެ ފޭސް 3، ގިރާވަރު އަދި އުތުރު ތިލަފަޅު ހިއްކުމަށްވެސް އިތުރު ކުންފުންޏަކާއެކު އެމް.އޭ.ސީ.އެލްއިން ވަނީ އެގްރީމެންޓް ކުރެވިފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ޑްރެޖަރުތައްވެސް މި މަސް ނިމޭއިރު ރާއްޖެ އަންނަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިދިޔަ 2024 ވަނަ އަހަރު ފެބްރުއަރީ މަހު ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ފެބްރުއަރީ 25 ވަނަ ދުވަހު ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރު ޖެނުއަރީގައި އެރަށަށް ވަޑައިގެން ރައީސް ވަނީ ދެން އެރަށަށް ވަޑައިގަންނަވާނީ އެރަށު އެއާޕޯޓަށް ޖައްސާ ފްލައިޓްގައި ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!